ބުރުނު ޝިކާރަ: އެކި ކެޓެގަރީތަކުގެ ޗެމްޕިއަންކަން އާމިން، ނޫހު، ކުޑަ އައްޔަ އަދި ޒޯހާއަށް
މޯލްޑިވްސް ބޮޑީބޯޑިންގް އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި އަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ ބުރުނު ޝިކާރަ ޗެލެންޖް އިއްޔެ ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު ފެށި މި މުބާރާތުގެ އެކި ކެޓެގަރީތަކުން އާމިން އުމަރު މޫސާ، ނޫހު ދުނައިން އިރުޝާދު، އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އަދި ޒޯހާ އަޒްލީ ވަނީ ޗެމްޕިއަންކަން ހޯދާފަ އެވެ.
މި މުބާރާތުގައި މުޅިން އަލަށް ތައާރަފްކުރި ޖޫނިއާ އަންހެން ޑިވިޝަންގެ ތާރީހީ ފުރަތަމަ ޗެމްޕިއަންކަން ހޯދީ ޒޯހާ އަޒްލީ އެވެ. ޖުމްލަ 10 އެތްލީޓުން ވާދަކުރި މި ޑިވިޝަންގެ ފައިނަލުގައި ޒޯހާ ވަނީ 11.74 ގެ ސްކޯއެއް ހޯދައި، ޒަހާ ޒައިދުން ހަލީލްގެ މައްޗަށް ކުރި ހޯދާފައެވެ. ޒަހާއަށް އެންމެ ރަނގަޅު ދެ ރާޅުން ލިބުނީ 6.17 ގެ ސްކޯއެކެވެ.
މެންސް އޯޕަން ބައިގެ ޗެމްޕިއަންކަން މިދިޔަ އަހަރުވެސް މި މުބާރާތް ކާމިޔާބުކުރި އާމިން އުމަރު މޫސާ ވަނީ ދަމަހައްޓާފަ އެވެ. ފޯރިގަދަ ފައިނަލް ހީޓުގައި އާމިން ވަނީ 13.34 ގެ ސްކޯއެއް ހޯދައި، އަސްވާން މުހައްމަދު (ދޫނި) ބަލިކޮށްފަ އެވެ. ދޫނިއަށް މި ހީޓުގައި ލިބުނީ 9.38 ގެ ސްކޯއެކެވެ.
ޑްރޮޕްނީ ޑިވިޝަނަށް ބަލާއިރު، ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ބޮޑީބޯޑަރު ކަމަށްވާ ކުޑަ އައްޔަ ވަނީ އޭނާގެ ރަސްކަން ދަމަހައްޓާފަ އެވެ. ފައިނަލްގައި އާމިންއާ ވާދަކޮށް ކުޑަ އައްޔަ ޗެމްޕިއަންކަން ހޯދީ 13.67 ގެ މަތީ ސްކޯއަކުންނެވެ. މި ޑިވިޝަންގެ ފައިނަލުގައި އާމިންއަށް ލިބުނީ 5.04 ގެ ސްކޯއެކެވެ.
ޖޫނިއާ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ނޫހު ދުނައިން އިރުޝާދު ހޯދިއިރު، މިއީ އޭނާގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް އިވެންޓެއްގެ ޗެމްޕިއަންކަން ހޯދި ފަހަރެވެ. ފައިނަލުގައި އިޔަން އަހުމަދާ ވާދަކޮށް ނޫހު ވަނީ 12.16 ގެ ސްކޯއެއް ހޯދާފަ އެވެ. އިޔަންއަށް ލިބުނީ 6.70 ގެ ސްކޯއެކެވެ.
މިއީ މި އަހަރު ބޮޑީބޯޑިންގެ ލީގުގެ ފުރަތަމަ މުބާރާތެވެ.






ރިއެކްޓް