ކުޅިވަރު

20 އަހަރުން ދަށުގެ ސާފް: ލަންކާއިން ފަހަތުން އަރާ ރާއްޖެ ބަލިކޮށްފި

24 މާރިޗު 2026 - 09:00
20 އަހަރުން ދަށުގެ ސާފް: ލަންކާއިން ފަހަތުން އަރާ ރާއްޖެ ބަލިކޮށްފި
ލަންކާ ކުޅުންތެރިޔަކު ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ. ފޮޓޯ: ސާފް

މާލޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ފަހު ވަގުތު ސްރީލަންކާ އަތުން 2-3 އިން ބަލިވެއްޖެ އެވެ. 

ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މުހައްމަދު އިލާން އިމްރާން ކާމިޔާބުކޮށްދިން ދެ ލަނޑާއެކު، ރާއްޖެއިން ފުރަތަމަ ހާފު ނިންމާލީ 2-0 ގެ ލީޑެއްގައެވެ. ފުރަތަމަ ލަނޑު އިލާން ކާމިޔާބުކޮށްދިނީ މެޗުގެ 27 ވަނަ މިނެޓުގައި ލިބުނު ފުރުސަތެއްގައި ލަންކާގެ ކީޕަރު ގާޓުންވެސް ނައްޓާފަ އެވެ. ދެވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލަންކާގެ ބަދަލު ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އިލާން ވަނީ ހުސް ގޯލަށް ބޯޅަ ފޮނުވާލާފަ އެވެ.

ދެވަނަ ހާފު ފެށުނުތާ މާގިނަ އިރުތަކެއް ނުވަނީސް ލަންކާއިން ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަކުރި އެވެ. އަދި ހާފުގެ މެދުތެރެއިން އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. މެޗުގެ ކޮންޓްރޯލް ހޯދައިގެން ލަންކާއިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ 88 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއާއެކު އެޓީމުން ވަނީ ފަހަތުން އަރައި މެޗުގެ ނަތީޖާ އަނބުރާލާފަ އެވެ.

މެޗުގެ ކުރީކޮޅު އެޓޭކިންގް ގޭމެއް ފެނުނު ނަމަވެސް، މެޗު ކުރިއަށް ދިޔަވަރަކަށް މެޗުގެ ކޮންޓްރޯލް ދަމަހައްޓަން ރާއްޖެއަށް އުނދަގޫވި އެވެ.

މާލޭގައި ބާއްވާ މި މުބާރާތަކީ ދެކުނު އޭޝިއާގެ ހަތް ގައުމެއްގެ މެދުގައި ކުޅޭ ސަރަހައްދީ އެންމެ ބޮޑު މުބާރާތެވެ. ރާއްޖޭގެ އިތުރުން މި މުބާރާތުގައި ބައިވެރިވީ ސްރީލަންކާ، ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާން، ނޭޕާލް އަދި ބޫޓާނެވެ. މި މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ބުދަ ދުވަހުގެ ރޭ ބައްދަލުކުރާނީ ބޫޓާނާ އެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0