ކުޅިވަރު

ޑައިމަންށް ޖުބްލީ: ރާއްޖޭގެ ފުރަތަމަ މެޗު މިރޭ، ކޯޗު ބުނީ މިއީ 'އާ ފެށުމެއް' ކަމަށް!

1 ޖޫން 2026 - 15:57
ޑައިމަންށް ޖުބްލީ: ރާއްޖޭގެ ފުރަތަމަ މެޗު މިރޭ، ކޯޗު ބުނީ މިއީ 'އާ ފެށުމެއް' ކަމަށް!
ގައުމީ ޓީމުގެ ކޯޗު އިސްތަވާން އުރްބާނީ. ފޮޓޯ: ހުސައިން ޝައްމާހް / ޓީޕީޕީ

ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުޅޭ ޑައިމަންޑް ޖުބްލީ އިންޓަނޭޝަނަލް މުބާރާތް މިރޭ ފެށޭއިރު، އަފްއާނިސްތާނާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗުގެ ކުރިން ރާއްޖޭގެ ގައުމީ ޓީމުގެ ހެޑް ކޯޗު އިސްތަވާން އުރްބާނީ ޓީމުގެ މިހާރުގެ ހާލަތަށް ބަލާ މިއީ އާފެށުމެއް ކަމަށް ބުނެފި އެވެ.

އޭނާ ސިފަކުރި ގޮތުގައި މިވަގުތު ގައުމީ ސްކޮޑު އޮތީ ބޮޑު "ރީބިލްޑިންް" ނުވަތަ އަލުން ބިނާކުރުމުގެ މަރުހަލާއެއްގެ ތެރޭގަ އެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޯޗު ބުނީ، ދިވެހި ފުޓްބޯޅައަށް ދިގު މުއްދަތުގެ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހުނަރުވެރި ކުޅުންތެރިން މަދުވުމާއި، މުހިންމު ކުޅުންތެރިންނަށް ލިބިފައިވާ އަނިޔާތަކާއި، ރާއްޖޭގެ ފުޓްބޯޅަ މުބާރާތްތައް މެދުކެނޑުމާއި، ޒުވާން ކުޅުންތެރިން ކުރިއެރުމަށް އޮތް ފުރުސަތުތައް ހަނިވުން ހިމެނެއެވެ.

"މިއީ އަލުން ބިނާކުރުމެއް،" އޭނާ ބުންޏެވެ. "އަހަރެމެން މި މަސައްކަތް ކުރަނީ ގެއްލިފައިވާ ކަންތައްތަކެއް އަލުން އިއާދަކުރަން." ކޯޗު ފާހަގަކުރި ގޮތުގައި އަވަށްޓެރި ގައުމުތަކުން ފާއިތުވި އަހަރުތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާއިރު، ރާއްޖެއަށް ދަތިތަކާ ކުރިމަތިވީ ރާއްޖޭގެ ފުޓްބޯޅަ އޮނިގަނޑަށް އައި މެދުކެނޑުންތަކުގެ ސަބަބުންނާއި، ކްލަބް މުބާރާތްތަކުގެ މުހިންމު މަގާމުތަކުގައި ބޭރު ކުޅުންތެރިންނަށް މާބޮޑަށް ބަރޯސާވުމުގެ ސަބަބުންނެވެ.

މި ދަތިތަކާ އެކުވެސް، ސަރަހައްދީ މުބާރާތްތައް އިތުރުވުމާއި އުންމީދީ ޒުވާން ކުޅުންތެރިން ފެންނަން ފެށުން ފަދަ ރަނގަޅު ބަދަލުތައް އޭނާ ފާހަގަކުރިއެވެ.

އެގޮތުން 17 އަހަރުގެ ފޯވާޑް އީލާން އާއި ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހަމްޒާ ފަދަ ކުޅުންތެރިންނަކީ ގައުމީ ޓީމުގެ މުސްތަގުބަލު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެ ކުޅުންތެރިންގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.

މުބާރާތާ މެދު ކުރެވޭ އުންމީދުތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކޯޗު ބާރުއެޅީ، އިހުތިރާމަކީ ދައްކާ ވާހަކައަކުން ލިބޭ އެއްޗެއްގެ ބަދަލުގައި، ދަނޑުމަތީގައި ދައްކާ ކުޅުމުން ހޯދަންޖެހޭ އެއްޗެއް ކަމަށެވެ. "ގައުމީ ޓީމުގެ ކުޅުންތެރިންނަށް އިހުތިރާމް ކުރަންޖެހޭނެ. ފުޓްބޯޅަ އެސޯސިއޭޝަނަށް އިހުތިރާމް ކުރަންޖެހޭނެ. އަހަރެމެން އެންމެންނަށްވެސް އިހުތިރާމް ލިބެންޖެހޭނީ އަހަރެމެން ކުރާ މަސައްކަތުގެ މައްޗަށް ބިނާކޮށް، ހަމައެކަނި ދައްކާ ވާހަކައަކަށް ބަލައިގެނެއް ނޫން،" އޭނާ ބުންޏެވެ.

ޑައިމަންޑް ޖުބްލީ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިރޭ 9:00 ގައި ނުކުންނާނީ އަފްއާނިސްތާނާ ދެކޮޅަށެވެ. މެޗުތަކަށް ޓިކެޓު ވިއްކުން ގަލޮޅު ދަނޑުން އިއްޔެ ވަނީ ފަށާފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0