ކުޅިވަރު

ނޯވޭ ބަލިކޮށް އިންގްލޭންޑުން ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފި

12 ޖުލައި 2026 - 04:57
ނޯވޭ ބަލިކޮށް އިންގްލޭންޑުން ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފި
ބެލިންހަމް ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: ބީއާރް

28 އަހަރުގެ މެދުކެނޑުމަކަށްފަހު ވޯލްޑް ކަޕަށް ކޮލިފައިވި ނޯވޭ ބަލިކޮށް، އިންގްލޭންޑުން މުބާރާތުގެ ސެމީ ފައިނަލްގެ ތިންވަނަ ޖާގަ ކަށަވަރުކޮށްފިއެވެ.

އެމެރިކާގެ މަޔާމީގައި ކުޅުނު މި ފޯރިގަދަ މެޗުން އިންގްލޭންޑް މޮޅުވީ ނޯވޭއިން ލަނޑެއް ޖަހާފައިވަނިކޮށް، ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ނޯވޭއިންނެވެ. މެޗުގެ 36 ވަނަ މިނެޓުގައި ނޯވޭގެ އަންދަރޭ ޝެލްޑްރަޕް ނެގި ހުރަހެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ވަނީ ގޯލުގެ ތެރެއަށެވެ. ނަމަވެސް، އިންގްލޭންޑުން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކާ މެޗުގެ ނަތީޖާ އަނބުރާލާފައެވެ. އެގޮތުން ނޯވޭއިން ލަނޑު ޖެހިތާ 9 މިނެޓު ފަހުން ޖޫޑް ބެލިންހަމް ވަނީ ލަނޑެއް ޖަހާ އިންގްލޭންޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ބެލިންހަމް ވަނީ އިތުރު ލަނޑެއް ޖަހާ އިންގްލޭންޑަށް މެޗުން މޮޅުކޮށްދީފައެވެ.

މި މުބާރާތުގައި ނޯވޭއިން ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. އެ ޓީމު ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކުރީ ގްރޫޕް އައިގެ ދެވަނަ ހޯދުމަށްފަހު، ގަދަ 32 ގައި އައިވަރީ ކޯސްޓް އަދި ގަދަ 16 ގައި ވަރުގަދަ ބްރެޒިލް ބަލިކޮށްގެންނެވެ.

އަނެއްކޮޅުން އިންގްލޭންޑް ސެމީއަށް ދަތުރުކުރީ ގްރޫޕް އެލްގެ އެއްވަނަ ހޯދާ، ގަދަ 32 ގައި ކޮންގޯ އަދި ގަދަ 16 ގައި މެކްސިކޯ ބަލިކުރުމަށްފަހުއެވެ.

އިންގްލޭންޑުން އެންމެ ފަހުން ވޯލްޑް ކަޕްގެ ސެމީ ފައިނަލެއްގައި ކުޅުނީ 2018 ވަނަ އަހަރެވެ. އެ އަހަރު ކުޅުނު ސެމީ ފައިނަލް މެޗުން އިންގްލޭންޑް ވަނީ ކްރޮއޭޝިއާ އަތުން ބަލިވެފައެވެ. މި އަހަރުގެ ސެމީ ފައިނަލްގައި އިންގްލޭންޑުން ބައްދަލުކުރަން ޖެހޭ ޓީމެއް ކަށަވަރުވާނީ މިއަދު ހެނދުނު އާޖެންޓީނާއާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗަށްފަހުއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0