ކުޅިވަރު

ފީފާ ފުޓްސަލް ރޭންކިންގް: 10 ދަރަޖައިގެ ކުރިއެރުމަކާ އެކު ރާއްޖެ ދުނިޔޭގެ 99 ވަނަ އަށް

8 މޭ 2026 - 19:28
ފީފާ ފުޓްސަލް ރޭންކިންގް: 10 ދަރަޖައިގެ ކުރިއެރުމަކާ އެކު ރާއްޖެ ދުނިޔޭގެ 99 ވަނަ އަށް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއިން އުފުލާލަނީ. ފޮޓޯ: ވިރާސީ

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން މިއަދު އާންމުކުރި ފުޓްސަލް ރޭންކިންގްގައި ދިވެހިރާއްޖެއިން ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ. 10 ދަރަޖައިގެ ކުރިއެރުމަކާ އެކު ރާއްޖެ މިހާރު ވަނީ ދުނިޔޭގެ ރޭންކިންގްގެ 99 ވަނައަށް ޖެހިލާފައެވެ. މިއާ އެކު ރާއްޖެ ވެފައިވަނީ ސައުތު އޭޝިއާ ސަރަހައްދުގެ އެއްވަނަ ގައުމަށެވެ.

ރާއްޖެއަށް ރޭންކިންގްގައި މިހާ ބޮޑު ކުރިއެރުމެއް ލިބުނު މައިގަނޑު ސަބަބަކީ މި އަހަރު ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބު ކުރުމެވެ. އެކި ކަހަލަ އުނދަގޫތަކާއި އެކަށީގެންވާ އަޅާލުން ނުލިބި އޮތް ނަމަވެސް، ދިވެހި ޓީމުން ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި ތަށި އުފުލާލާފަ އެވެ.

ރާއްޖޭގެ ފުޓްސަލް ޓީމުން ބައިނަލްއަގުވާމީ މައިދާނުގައި ބޮޑު ކާމިޔާބީއެއް ހޯދިއިރު، ރާއްޖޭގައި އަދިވެސް ފުޓްސަލް ކުޅެމުންދަނީ އެކަމަށް ހާއްސަ އިންޑޯ ކޯޓުތަކުގެ ބަދަލުގައި ޓާފް ދަނޑުތަކުގަ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުޓްސަލްގެ ގައުމީ މުބާރާތެއް ބާއްވާނެކަން އިއުލާންކުރީވެސް ހަމަ މި އަހަރު އެވެ.

ފުޓްސަލްއަށް ބޭނުންވާ އިންޑޯ ކޮމްޕްލެކްސްއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ، އޭޕްރީލް މަހުގެ ތެރޭގައި ފުޓްސަލް ދަނޑު އެޅުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. ނަމަވެސް، ސަރުކާރުން ދިން އައު ތާރީހު ފަހަނައަޅައި ދިޔައިރުވެސް އެ މަސައްކަތް އަދި އަމަލީ ގޮތުން ފެށިފައެއް ނުވެއެވެ.

ފުޓްސަލް ކޯޗިންގްގައި ހަރަކާތްތެރިވާ މީހަކު ދެކޭގޮތުގައި، އެކަށީގެންވާ ވަސީލަތްތަކެއް ނެތިވެސް ދިވެހި ކުޅުންތެރިން ދުނިޔޭގެ ގަދަ 100 ގެ ތެރެއަށް ވަނުމަކީ ރާއްޖޭގައި ފުޓްސަލްގެ ހުނަރު ހުރި މިންވަރު ހާމަކޮށްދޭ ކަމެކެވެ. އަދި ފީފާގެ މިންގަނޑުތަކަށް ފެތޭ އިންޑޯ ކޯޓުތަކެއް ލިބިއްޖެނަމަ، ރާއްޖެއަށް މިއަށްވުރެ ބޮޑެތި ކުރިއެރުންތައް ހޯދޭނެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0