ވަރުގަދަ ބީޖީ ބަލިކޮށް ޒެޕޯއިން ބައިބަލާގެ ޗެމްޕިއަންކަން ހޯދައިފި
ފޯރިގަދަ ކުޅުމަކަށްފަހު ބީޖީ ސްޕޯޓްސް ކްލަބް ބަލިކޮށް، މިއަހަރުގެ އީދު ބައިބަލާ 1447 ގެ ޗެމްޕިއަންކަން ޒެޕޯ އިން ހޯދައިފިއެވެ. ރޭ ކުޅުނު ފައިނަލް މެޗު ޒެޕޯ އިން ކާމިޔާބުކުރީ ގަދަ ހިފުމުގެ ފަސް ވަނަ ހިފުމުގައި ބޭރުން ކުޅެ ކުރިހޯދައިގެންނެވެ.
ރޭ ހުޅުމާލޭގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ގޭމުގައި ބޭރުން ކުޅެން އެރީ ބީޖީ ސްޕޯޓްސް ކްލަބެވެ. މި ގޭމު ބީޖީން ކާމިޔާބުކުރީ 7-6 ގެ ނަތީޖާއަކުންނެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ގޭމުގައި ޒެޕޯ އިން ވަނީ 6-5 އިން ގޭމު ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ގަދަ ހިފުމުގެ ފުރަތަމަ ހަތަރު ބުރު ނިމުނުއިރު، ކޮންމެ ޓީމަކުން ވަނީ ދެ ހިފުން ކާމިޔާބުކޮށްފައެވެ. ނަތީޖާ ކަނޑައެޅުމަށް ކުޅުނު ފަސްވަނަ ބުރުގައި ގުރުއަތުން ބޭރުން ކުޅެން ލިބުނީ ޒެޕޯ އަށެވެ. ޒެޕޯގެ މުހައްމަދު ނައްވާފް ބޭރުން އަރާ ބީޖީގެ އަހުމަދު މުހައްމަދު (އަންމަޑޭ) ގައިގައި ފަސޭހަކަމާއެކު އަތްލައި، ޒެޕޯ އަށް މުބާރާތުގެ ތަށި ކަށަވަރުކޮށްދިނެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ މިސްޓަ ބައިބަލާގެ މަގާމު ހޯދީ ޒެޕޯ އަށް މުބާރާތް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ނައްވާފެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ނައްވާފްގެ އިތުރުން ހިމެނެނީ ކުރީގެ މިސްޓަ ބައިބަލާ މިރުސާލް، ޝާމް، އަބޯ އަދި ނުހާދެވެ.
މިފަހަރުގެ ބައިބަލާ މުބާރާތް ކުޅުނީ ޑަބަލް އެލިމިނޭޝަންގެ އުސޫލުންނެވެ. ޒެޕޯ އިން ފުރަތަމަ ފަހަރަށް މި މުބާރާތް ކާމިޔާބުކުރީ އެއްވެސް މެޗަކުން ބަލިނުވެއެވެ.






ރިއެކްޓް