ކުޅިވަރު

ފަހު ވަގުތު ލަނޑު ޖަހާ ރާއްޖެއިން ޓިމޯ ލެސްޓޭ ބަލިކޮށްފި

31 މާރިޗު 2026 - 19:31
ފަހު ވަގުތު ލަނޑު ޖަހާ ރާއްޖެއިން ޓިމޯ ލެސްޓޭ ބަލިކޮށްފި
މިއަދު މެޗުގައި ގޯލު ޖެހުމަށްފަހު ރާއްޖޭގެ ސެންޓޭ އުފާފާޅުކުރަނީ. ފޮޓޯ: ހާޒިމް ރިއްފަތު / ދަ ޕްރެސް ފޮޓޯސް

ފަހަތުން އަރާ 2-1 ޓިމޯ ލެސްޓޭ ބަލިކޮށް ރާއްޖެއިން އޭޝިއަން ކަޕް 2026 ކޮލިފައިންގެ ފަހު މެޗު ކާމިޔާބުކޮށްފި އެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި ގިން ވަގުތު ބޯޅަ ހިފަހައްޓައިން ކުޅުނީ ރާއްޖެއިންނެވެ. ނަމަވެސް ގޯލެއް ޖެހޭ ގޮތެއް ނުވި އެވެ. ދެވަނަ ހާފުގައިވެސް ރާއްޖެއިން ވަނީ މެޗުގެ ކޮންޓްރޯލް ގެއްލުވާނުލާ، ރީތި ގޭމެއް ކުޅެފަ އެވެ. ނަމަވެސް މެޗުގެ 66 ވަނަ މިނެޓުގައި ލިބުނު ފުރުސަތެއްގައި ޓިމޯ ލެސްޓޭގެ ކެޕްޓަން ވަނީ ރާއްޖެ ކޮޅަށް ގޯލު ޖަހާފަ އެވެ.

މި ގޯލާއި އެކު އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) ކުޅެން ނެރެ ރާއްޖެއިން ވަނީ ގޯލެއް ޖަހަން ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 88 ވަނަ މިނެޓުގައި ލިބުނު ސެޓް ޕީހެއްގައި ރާއްޖޭގެ މުހައްމަދު އިރުފާން (އިރޭ) ކުރިއަށް ފޮނުވާލި ބޯޅަ ޓިމޯ ލެސްޓޭގެ ކީޕަރު ދިފާއު ކުރުމުން ރީބައުންސަށް ނިކުތް ބޯޅަ ކުރިއަށްފޮނުވާލާ ރާއްޖެއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި މެޗުގެ އިތުރު ގަޑީގައި ދަގަނޑޭއަށް ކުރި ފައުލެއްގައި ލިބުނު ޕެނަލްޓީ ގޯލަށް ވައްދާލާ ސެންޓޭ ވަނީ ރާއްޖެ މެޗުން މޮޅުކޮށްދީފަ އެވެ.

މިއީ 2023 ވަނަ އަހަރު ފަހުން ރާއްޖެއިން ގަލޮޅު ދަނޑުގައި ކުޅެ، މޮޅުވި ފުރަތަމަ މެޗެވެ. އަދި ކޯޗު އިސްތަވާން އުރްބާނީ ދެވަނަ ފަހަރަށް ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވެ ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުން މޮޅުވި ނަމަވެސް ރާއްޖެއަށް ކޮލިފައިންގައި ކުރިއަށްދެވޭނެ ގޮތެއް ނެތެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0