ކުޅިވަރު

ކުޅިވަރު އެސޯސިއޭޝަންތަކަށް ފުރަތަމަ ކުއާޓާގެ ބަޖެޓު އަދިވެސް ނުދޭ

17 ފެބްރުވަރީ 2026 - 16:30
ކުޅިވަރު އެސޯސިއޭޝަންތަކަށް ފުރަތަމަ ކުއާޓާގެ ބަޖެޓު އަދިވެސް ނުދޭ
ފޮޓޯ: ކުޅިވަރު ވުޒާރާ

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިދާރީ ހިންގުމަށް ސަރުކާރުން ކޮންމެ އަހަރަކު ދޫކުރާ ބަޖެޓުގެ ތެރެއިން، މި އަހަރުގެ ފުރަތަމަ ކުއާޓާއަށް ލިބެންޖެހޭ ފައިސާ އަދިވެސް ނުދޭކަން "ވިރާސީ" އަށް ކަށަވަރުވެއްޖެ އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް "ވިރާސީ" އަށް މައުލޫމާތު ދިން ބައެއް އެސޯސިއޭޝަންތަކުގެ އިސްވެރިން ވިދާޅުވި ގޮތުގައި، އަހަރުގެ ފުރަތަމަ ދެ މަސް ނިމެންދާއިރު ހިންގުމުގެ ބަޖެޓު ނުލިބުމަކީ އެ ފަރާތްތަކުގެ ކޮންމެ ދުވަހެއްގެ މަސައްކަތްތަކަށް އެޅިފައިވާ ވަރަށް ބޮޑު ހުރަހެކެވެ. މީގެ ސަބަބުން އަހަރުގެ ކުޅިވަރު ކަލަންޑަރު އެކުލަވާލައި، ރޭވިފައިވާ މުބާރާތްތަކާއި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ގިނަ ދަތިތަކަކާ ދިމާވަމުންދާކަން އެ ފަރާތްތަކުން ފާހަގކުރިއެވެ. އަދި ވަޒީފާގައި ތިބޭ މުވައްޒަފުންނަށް މުސާރަ ނުދެވި ރޯދަމަސް ކައިރިވާއިރު ރޯދަ އިނާޔަތްވެސް ނުދެވޭކަން ފާހަގަކުރި އެވެ.

އެސޯސިއޭޝަންތަކުގެ އިސްވެރިން ފާހަގަކުރެއްވި ގޮތުގައި، މިދިޔަ އަހަރުވެސް ކޮންމެ ކުއާޓާއަކު ދޫކުރަންޖެހޭ ފައިސާ ލިބުން ވަރަށް ބޮޑަށް ލަސްވެގެން ދިޔައެވެ. މިކަން މި އަހަރުވެސް ތަކުރާރުވަމުންދާތީ، އެސޯސިއޭޝަން ހިންގަން ކުރާ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ބަޖެޓު ނުލިބި ލަސްވުމުގެ ސަބަބުން ބައެއް އެސޯސިއޭޝަންތައް މިހާރު ހިންގަމުންދަނީ ދަރަނީގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ. "އިދާރީ މުވައްޒަފުންގެ މުސާރައާއި، ރޯދަ އިނާޔަތާއި އެހެނިހެން ހަރަދުތައް ހަމަޖައްސަން ޖެހެނީ ވަރަށް ދަތި ހާލުގައި. ގިނަ އެސޯސިއޭޝަންތަކެއް މިހާރު އޮތީ ދަރަނިވެފައި،" އެސޯސިއޭޝަނެއްގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.

އެހެން ބޭފުޅަކު ވިދާޅުވިގޮތުގައި އެސޯސިއޭޝަންތަކާ ދިމާލަށް ހިންގުން ދޯދިޔާއޭ ބުނާއިރު، އަދިވެސް އެސޯސިއޭޝަންތަކަށް ލިބެނީ ރައީސް މައުމޫން އިރު ކަނޑައަޅާފައިވާ ބަޖެޓުކަމާއި އެ ފައިސާވެސް ރަނގަޅަށް ނުދެވޭ ކަމަށެވެ. "މީގެ ސަބަބުން މުވައްޒަފުން ވަޒީފާއަށް ނެގޭކަށް ނޯވޭ. މަހުން މަހަށް މުސާރަ ނުދެވޭނަމަ ވަޒީފާގައި މަޑެއްވެސް ނުކުރާނެ." އޭނާ ފާހަގަކުރިއެވެ.

"ގިނަ އެސޯސިއޭޝަންތަށް ދަރަނިވެރިވެފައވާތީ މި ނުރުހުން ފާޅުކުރަންވެސް ހަގީގަތުގައި ގިނަ އެސޯސިއޭޝަންތަކަށް ނުކެރޭ" ކުޅިވަރު އެސޯސިއޭޝަނެއްގެ ރައީސަކު ފާހަގަކުރި އެވެ.

މި މައްސަލައާ ގުޅިގެން ކުޅިވަރާ ބެހޭ ވުޒާރާއިން ރަސްމީ ބަހެއް އަދި ލިބިފައި ނުވާއިރު، ކުޅިވަރު އެސޯސިއޭޝަންތަކުން އުއްމީދު ކުރަނީ މި އަހަރުގެ ބަޖެޓު ވީ އެންމެ އަވަހަކަށް ހަމަޖެހި، ކުޅިވަރުގެ ހަރަކާތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0