ޓޮމް ރިޔާސަތު ބަލަހައްޓަވާ ފުރަތަމަ އޯޑިނަރީ ކޮންގްރެސް މިރޭ ބާއްވަނީ
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ރައީސްކަމާ ދެވަނަ ފަހަރަށް އަހުމަދު ތޯރިގް (ޓޮމް) ހަވާލުވެވަޑައިގަތް ފަހުން އޭނާ ރިޔާސަތު ބަލަހައްޓަވާ ފުރަތަމަ ކޮންގްރެސް މިރޭ ބޭއްވުމަށް ތާވަލުކޮށްފިއެވެ. މިއީ ގާތްގަނޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށްފަހު، ބާއްވާ އެ އިދާރާގެ ގެ ފުރަތަމަ އޯޑިނަރީ ކޮންގްރެސްއެވެ.
އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސްއެއް އެންމެ ފަހުން ބާއްވާފައިވަނީ މެއި 2023 ގައެވެ. އެ ކޮންގްރެސްގައި އެ އަހަރަށް 85 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރި ނަމަވެސް، އެ އަހަރަކީ ރާއްޖޭގެ ފުޓްބޯޅަ އެންމެ ބޮޑު އަޑިގަނޑަކަށް ވެއްޓި، އެސޯސިއޭޝަނުގެ ހިންގުން ހުއްޓި، މާލީ ބޮޑެތި މައްސަލަތަކެއް ފެންމަތިވި އަހަރެވެ.
އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި އެ އަހަރު ފުލުހުން އެ އިދާރާ ރެއިޑްކޮށްފައިވާއިރު، އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ޝަރީއަތް ހިންގައި އޭނާ މިހާރު ހުރީ ދިގު މުއްދަތަކަށް ޖަލަށް ލާފައެވެ. މިރޭ ބާއްވާ ކޮންގްރެސްގެ އެޖެންޑާ އެފްއޭއެމުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ވޭތުވެދިޔަ ތިން އަހަރު ތެރޭގައި އާންމު ކޮންގްރެސްއެއް ބާއްވާފައި ނުވި ނަމަވެސް، އެކްސްޓްރާ އޯޑިނަރީ ހަތަރު ކޮންގްރެސްއެއް ބާއްވާފައިވެއެވެ. އޭގެ ތެރެއިން ތިން ކޮންގްރެސްއަކީ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރުގައި ބޭއްވި ޖަލްސާތަކެވެ. އަދި 2024 ގެ ކުރީކޮޅު ބައްސާމްގެ ރިޔާސަތުގައި ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ފީފާއިން ވަނީ ބާތިލުކޮށްފައެވެ.
މިރޭ ބާއްވާ ކޮންގްރެސް ބާއްވަން ތާވަލުކޮށްފައި ވަނީ މިރޭ 9 ޖަހާއިރު އެވެ.






ރިއެކްޓް