ކުޅިވަރު

26 އަހަރަށްފަހު ގައްދޫ ޓީމު އަލުން ގަލޮޅު ދަނޑަށް

8 ޖޫން 2026 - 15:34
26 އަހަރަށްފަހު ގައްދޫ ޓީމު އަލުން ގަލޮޅު ދަނޑަށް

1999 ވަނަ އަހަރުގެ އެފްއޭކަޕުގައި ވާދަކުރުމަށްފަހު އޭގެ 26 އަހަރު ފަހުން ގައްދޫ ފުޓްބޯޅަ ޓީމު އަނެއްކާވެސް ގަލޮޅުދަނޑުގައި މެޗެއް ކުޅުމަށް ތައްޔާރުވެއްޖެއެވެ.

ދެކުނުގެ ފުޓްބޯޅައިގެ ބޮޑެތި ބާރުތަކުގެ މައްޗަށް ހޯދި ފުރިހަމަ ކާމިޔާބީއާއެކު ގަަލޮޅުދަނޑަށް އަންނަ ގައްދޫ ޓީމު މިރޭ ނުކުންނަނީ ދިވެހި ޕްރިމިއަރ ލީގު ކޮލިފައިންގ ގައި އުތުރުގެ ޗެމްޕިއަން ދިއްދޫއާއި ދެކޮޅަށެވެ.

ރައްޔިތުންގެ އިތުބާރާއި ޔަގީންކަމާއެކު މާލެ އައި ގައްދޫ ޓީމުން ވަނީ ޕްރިމިއަރ ލީގު ކޮލިފައިންއަށް އައުމަށް ކުރި ދަތުރުގައި ސައުތު ރީޖަން ލީގު މުބާރާތާއި އަތޮޅު ޗެމްޕިއަން ކަމާއި، ސައުތު ރީޖަން ލީގު ކޮލިފައިން ބުރުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

ބިދޭސީ ހަތަރު ކުޅުންތެރިންނާއެކު ކުޅެމުން އަންނަ ގައްދޫއިން ވަނީ އެންމެ ފަހުން ނިމުނު ސައުތު ރީޖަން ލީގު މުބާރާތުގައި ހުރިހާ މެޗަކުން މޮޅުވުުގެ %100 ރިކޯޑެއް ޤާއިމުކޮށް ގައްދޫއަކީ ފުޓްބޯޅައިގެ އާދައިގެ ބައެއް ނޫންކަން ރާއްޖެއަށް ސާބިތުކޮށްދީފައެވެ. އެ މުބާރާތުގައި ގައްދޫ ޓީމުން 15 ގޯލު ޖަހާފައިވާއިރު އެ ޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ތިން ގޯލެވެ.

ގައްދޫ ޓީމުގެ ކެޕްޓަން އިސްހާގު އަބްދުލްޣަނީ (މ) -- ފޮޓޯ: ގައްދޫ ކައުންސިލް
ގައްދޫ ޓީމުގެ ކެޕްޓަން އިސްހާގު އަބްދުލްޣަނީ (މ) -- ފޮޓޯ: ގައްދޫ ކައުންސިލް

ގައްދޫ ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓް ތިބީ މިރޭ ކުޅޭ މެޗުން މޮޅުވުމުގެ އުއްމީދާއެކު އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށް އެ ޓީމުން ބުނެއެވެ.

"ޓީމުގެ އެންމެންގެ ވެސް އަޒުމަކީ މިރޭގެ މެޗުން މޮޅުވުން. މިރޭ ގައްދޫ ޓީމުން ތަމްސީލުކުރާނީ ހަމައެކަނި ގައްދޫއެއް ނޫން. މުޅި ހުވަދު އަތޮޅު. މުޅި ދެކުނު. މިރޭގެ މެޗުގައި ޓީމަށް ހިތްވަރުދެއްވުމަށް މާލޭގައި ދިރިއުޅޭ ގައްދޫ ރައްޔިތުން ދަނޑަށް އައުމަކީ ޓީމުގެ އެންމެންވެސް ވަރަށް އެދޭ ކަމެއް." މިރޭގެ މެޗާއި ގުޅޭގޮތުން "ވިރާސީ" އާއި ވާހަކަދައްކަމުން ގައްދޫ ޓީމުގެ މެނޭޖަރު އަލީ ޝަރީފު ވިދާޅުވިއެވެ.

1999 ވަނަ އަހަރު ގައްދޫ ޓީމު ގަލޮޅު ދަނޑުގައި ކުޅުނީ އެފްއޭކަޕުގެ މެޗެކެވެ. ނިއުރޭޑިއަންޓާއި ބައްދަލުކުރިމެޗު ނިމިގެންދިޔައީ 7-1 ގެ ނަތީޖާއަކުން ގައްދޫ ބަލިވެގެންނެވެ. ނަމަވެސް ގަލޮޅު ދަނޑުގައި ގައްދޫ ޓީމުން ކުޅުނު އެ މެޗާމެދު މިއަދާހަމައަށްވެސް ގައްދޫ ޓީމުން ފަޚުރުވެރިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 1
މަޖާ މަޖާ 0