ސްވިޒަލޭންޑް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ސެމީއަށް!
ފީފާ ވޯލްޑް ކަޕް ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ސްވިޒަލޭންޑް ބަލިކޮށް، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.
މިއަދު ހެނދުނު ކުޅުނު މި ފޯރިގަދަ މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން 10 ވަނަ މިނެޓުގައި އާޖެންޓީނާއިން ވަނީ ލީޑު ނަގާފައެވެ. ލިބުނު ކޯނަރެއްގެ ބޭނުން ހިފައި، ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ މިޑްފީލްޑަރު އެލެކްސިސް މެކް އެލިސްޓާ އެވެ. ނަމަވެސް، މެޗުގެ 67 ވަނަ މިނެޓުގައި ސްވިޒަލޭންޑުގެ ޑެން އެންޑޯޔީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެވަނަ ހާފުގައި އާޖެންޓީނާއިން އަލުން ލީޑު ނެގިއެވެ.
މި ލަނޑު އޭރިއާ ބޭރުން ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރީ ފޯވާޑް ޖޫލިއަން އަލްވަރޭޒްއެވެ. އަދި މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ލިބުނު ކައުންޓާ އެޓޭކެއްގައި ލައުޓުރާޓޯ މާޓިނޭޒް ވަނީ އާޖެންޓީނާގެ ތިންވަނަ ލަނޑު ޖަހައިދީ ސެމީގެ ޖާގަ ޔަގީންކޮށްދީފައެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލަށް އާޖެންޓީނާ ދަތުރުކުރީ ގްރޫޕް ޖޭ ގެ އެއްވަނަ ހޯދައި، ގަދަ 32 ގައި ކޭޕް ވާޑޭ އަދި ގަދަ 16 ގައި މިސްރު ބަލިކޮށްގެންނެވެ.
އަނެއްކޮޅުން ސްވިޒަލޭންޑް ކުއާޓާއާ ހަމައަށް އައީ ގްރޫޕް ބީ ގެ އެއްވަނަ ހޯދައި، ގަދަ 32 ގައި އަލްޖީރިއާ އަދި ގަދަ 16 ގައި ކޮލޮމްބިއާގެ މައްޗަށް ކުރިހޯދައިގެންނެވެ.
މުބާރާތުގެ ސެމީ ފައިނަލްގައި އާޖެންޓީނާ ބައްދަލުކުރަން ޖެހޭނީ ވަރުގަދަ އިންގްލޭންޑާ ދެކޮޅަށެވެ. މި މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12:00 ޖަހާއިރުއެވެ.






ރިއެކްޓް