ކުޅިވަރު

އޭޝިއަން ބީޗް ގޭމްސް: ބީޗް ހޭންޑްބޯޅައިގެ ފުރަތަމަ މެޗުން މޮޅުވެ ދެވަނަ މެޗުން ބަލިވެއްޖެ

21 އޭޕްރީލް 2026 - 20:12
އޭޝިއަން ބީޗް ގޭމްސް: ބީޗް ހޭންޑްބޯޅައިގެ ފުރަތަމަ މެޗުން މޮޅުވެ ދެވަނަ މެޗުން ބަލިވެއްޖެ

ޗައިނާގެ ސަންޔާގައި މިއަދު ފެށި ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ ފިރިހެން ބީޗް ހޭންޑްބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް ބަލިކޮށް ދެވަނަ މެޗުގައި ޖޯޑަން އަތުން ބަލިވެއްޖެ އެވެ. 

ސަންޔާގައި ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސް މިއަދު ފެށީ ބީޗް ހޭންޑްބޯޅައިގެ އިވެންޓްތަކުންނެވެ. ބީޗް ހޭންޑްބޯޅަ ފިރިހެން އިވެންޓުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. އެއީ އޮމާން، ޕާކިސްތާން، ޖޯޑަން، ބަންގްލަދޭޝް، ތައިލެންޑް، ގަތަރު އަދި މޮންގޯލިއާއާ އެކުގައެވެ. 

ގްރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް ބަލިކުރީ 2-1 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅުގައި ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، އެ ސެޓްގެ ފަހުކޮޅުގައި ބަންގްލަދޭޝްއިން ވަނީ ލީޑު ނަގައި، ލީޑު ފުޅާވެސް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެ ސެޓު ބަންގްލަދޭޝްއިން ކާމިޔާބުކުރީ 12-21 އިންނެވެ. ފުރަތަމަ ސެޓު ރާއްޖެ އަތުން ދިޔަ ނަމަވެސް ދެވަނަ ސެޓުގައި ތަފާތު ދެއްކިއެވެ. 

ރަނގަޅު ރޫހެއްގައި ދެވަނަ ސެޓަށް ނުކުމެ، މުހިއްމު ވަގުތުގައި ޕްރެޝަރުވެސް ހެންޑަލް ކޮށްފައިވެއެވެ. އެ ސެޓު ރާއްޖޭން 26-23 އިން ގެންގޮސްފައިވާ އިރު، ފަތުހުﷲ އާދަމް ވަނީ 10 ގޯލް ޖަހައިފައެވެ. އަދި މުހައްމަދު ޝަމްނޫޒް ނައީމް ވަނީ 14 ގޯލް ޖަހައިފައެވެ. މެޗު ޕެނަލްޓީއަށް ގޮސް މޮޅުވީ 7-4 އިންނެވެ. ޕެނަލްޓީގައި ރާއްޖޭގެ ކީޕަރު އަހުމީމް އަލީ ވަނީ މޮޅު ސޭވްތަކެއް ކޮށްފައެވެ. 

މިމެޗަށްފަހު ޖޯޑަންއަތުން ރާއްޖެ 2-0 އިން ބަލިވި ނަމަވެސް، އެމެޗުގައި ރަނގަޅު ވާދައެއްކޮށް، މޮޅަށް ކުޅެފައިވެއެވެ. 

މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅުގައިވެސް ދާދި ހަމަހަމަކޮށް ފެނިގެން ގޮސްފައިވާ އިރު، ރާއްޖޭން ވަނީ ގިނަ ވަގުތު ސްކޯ އެއްވަރެއްގައި ހިފަހައްޓައިފައެވެ. އެގޮތުން 6-6 ގައި ހިފަހައްޓާލާފައިވެސްވެއެވެ. ފަހުކޮޅަށް ގޮސް، ޖޯޑަންއިން ރަނގަޅު ދަނޑިވަޅުގައި ސްކޯ ކޮށް، ސެޓު ގެންދިޔައީ 14-6 އިންނެވެ. 

ދެވަނަ ސެޓުގައި ރާއްޖެ އިތުރަށް ކުޅުން ރަނގަޅުކުރިއެވެ. ފަށައިގެން 6-0 ގެ ލީޑެއްގައިވެސް އޮތް އިރު، 8-6 އިންވެސް ލީޑު ކުރިއެވެ. އޭގެފަހުން ފަހުކޮޅަށް ގޮސްވެސް ރާއްޖޭން އުންމީދީ ކުޅުމެއް ކުޅެފައިވާ އިރު، ސެޓު ގެއްލުނީ 16-13 އިންނެވެ. 

މެޗުގައި ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިޔާ ފަތުހުﷲ އާދަމް 11 ގޯލް ސްކޯކުރި އިރު، މުހައްމަދު ޝަމްނޫޒް ނައީމް ހަ ގޯލް ސްކޯކުރިއެވެ. 

ރާއްޖޭން ގްރޫޕް ސްޓޭޖުގައި ކުޅޭ ތިންވަނަ މެޗު އޮންނާނީ ބުރާސްފަތި ދުވަހުއެވެ. އެމެޗުގައި މޮންގޯލިއާއާ ދެކޮޅަށް ނުކުންނާނީ ރާއްޖެ ގަޑިން ހެނދުނު 9:00 ގައެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0