ޑައިމަންޑް ޖުބްލީ: ޕާކިސްތާން އަތުން ބަލިވެ ރާއްޖެ މުބާރާތުން ކަޓައިފި
ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބްލީ އިންޓަނޭޝަނަލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ޕާކިސްތާނު އަތުން 3-0 އިން ބަލިވެ ރާއްޖެ މުބާރާތުން ކަޓައިފި އެވެ.
މިއީ 1991 ވަނަ އަހަރުގެ ފަހުން ޕާކިސްތާނުން ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗަށް ރާއްޖެ ޓީމު ފެށީ ބަދަލުތަކަކާއެކު އެވެ. އެ ގޮތުން އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ކެޕްޓަން ބޭންޑު އަޅައިން ނިކުތް ހަމްޒާ މުހައްމަދު (ހަމްޕު) ގެ ބަދަލުގައި ހަސަން ނާއިޒް (ދާދު) އަދި މިދިޔަ މެޗުގައި ގޯލަށް އެރި ހުސެއިން ޝަރީފުގެ ބަދަލުގައި މިއަދު ގޯލު ބެލެހެއްޓީ މުހައްމަދު ފައިސަލް އެވެ.
މެޗު ފަށައިގެންވެސް ބޯޅަ ހިފަހައްޓައިން ރަނގަޅަށް ކުޅެމުން ދިޔައީ ޕާކިސްތާނުންނެވެ. ރާއްޖެއަށްވެސް ގޯލު ޖަހަން ފުރުސަތު ލިބުނު ނަމަވެސް ގޯލާ އަމާޒުކޮށް ބޯޅައެއް ފޮނުވާލެވޭގޮތް ވަނީ ނުވެފަ އެވެ.
ދެވަނަ ހާފަށް ރާއްޖެ ނިކުތީ ބަދަލުތަކާއެކީގަ އެވެ. އެގޮތުން އަހުޒަމް ރަޝީދު (އަހޫ) އަދި ދާދުގެ ބަދަލުގައި އަލީ ފާސިރު (ސެންޓޭ) އަދި ނައްސާހު އިބްރާހިމްވަނީ ކުޅުމާ ބައިވެރިވެފަ އެވެ. ބަދަލު ކުޅުންތެރިންނާ އެކު ރާއްޖެއިން ކުޅުން ރަނގަޅުކޮށް ގޯލާ އަމާޒުކޮށް ފޮނުވާލި ގިނަ ބޯޅަތަކުގެ ހުރަހަކަށްވީ ޕާކިސްތާން ކީޕަރެވެ. ރާއްޖެއިން ރަނގަޅަށް ކުޅެމުން ދިޔަ ވަގުތެއްގައި ޕާކިސްތާނުން ވަނީ މެޗުގެ 53 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖަހާފަ އެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އުމަރު ނަވާޒެވެ.
މި ގޯލާ އެކު ރާއްޖެއިން އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން ނެރެ ގޯލު ޖަހަން ކުރި މަސައްކަތް ކުރަމުންދަނިކޮށް ޕާކިސްތާނުން ވަނީ ދެވަނަ ލަނޑުޖަހާ ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ 84 ވަނަ މިނެޓުގައި އަބްދުއް ސަމަދު ޝަހުޒާދުގެ އަދި މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އެ ޓީމުގެ ހާރޫން ހާމިދުވަނީ ތިން ވަނަ ލަނޑު ކާމިޔާބުކޮށް ޕާކިސްތާނު މެޗުން މޮޅުކޮށްފަ އެވެ.
މި ނަތީޖާއާ އެކު ރާއްޖެ ވަނީ މުބާރާތުން ކަޓާފަ އެވެ. ކުޅުނު ދެ މެޗުން ރާއްޖެއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ. އަދި ރާއްޖެއަށް މި މުބާރާތުގައި ގޯލެއް ޖެހިފައެއްވެސް ނުވެ އެވެ.






ރިއެކްޓް