ވަރުގަދަ ޓީސީ ބަލިކޮށް ފުރަތަަމަ ޑިވިޝަންގެ ފަހު ޖާގަ ގައްދޫއަށް
މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށް، ފުރަތަމަ ޑިވިޝަނުގެ ފަހު ޖާގަ ގައްދޫއިން ކަށަވަރުކޮށްފިއެވެ.
މި މޮޅާއެކު އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭނެ ހަތަރު ޓީމު މިވަނީ މުޅިން ކަށަވަރުވެފައެވެ.
ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދި ހަތަރު ޓީމަކީ ގައްދޫ ރެކްރިއޭޝަން ކްލަބް، ދިއްދޫ ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް އަދި ބިސްބުރު ސްޕޯޓްސް ކްލަބެވެ.
ކޮލިފައިންގައި ކޮންމެ ޓީމަކަށް އަދި ބާކީ އެއް މެޗު އޮތް ނަމަވެސް، ތާވަލުގެ ފުލުގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އާއި ހުރާ ކޮމިއުނިޓީ ކްލަބް ކުރިއަށް އޮތް މެޗުން މޮޅުވެގެންވެސް ހަތަރުވަނައިގައި އޮތް ގައްދޫއާ އެއްވަރަށް ޕޮއިންޓް ހޯދޭނެ ފުރުސަތެއް މިހާރު ނެތެވެ.
މިވަގުތު ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓާއެކު ބިސްބުރު އޮތްއިރު، ދެވަނައިގައި އޮތް ޓީސީ އާއި ތިންވަނައިގައި އޮތް ދިއްދޫއަށް ލިބިފައިވަނީ 7 ޕޮއިންޓެވެ. މިއަދުގެ މެޗުން މޮޅުވި ގައްދޫ ހަތަރުވަނައިގައި އޮތީ 6 ޕޮއިންޓާއެކުގައެވެ. ތާވަލުގެ ފަސްވަނައިގައި އޮތް ގްރީން ސްޓްރީޓްސްއަށް 2 ޕޮއިންޓް ލިބިފައިވާއިރު، ހަވަނައިގައި އޮތް ހުރާއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
މިއަދު ހަވީރު ކުޅުނު ފޯރުގަދަ މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 76 ވަނަ މިނެޓުގައެވެ. މި ލަނޑު ގައްދޫއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޑިފެންޑަރު ޑޮނާލިއޯ މެލާޝިއޯއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ކޯނަރަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
އަލަށް އެކުލަވާލާފައިވާ ފޯމެޓުގެ ދަށުން ފުރަތަމަ ޑިވިޝަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް ނުވަތަ ސެޕްޓެމްބަރު މަހުގައެވެ. މި މުބާރާތް ކުރިއަށްދާނީ ހޯމް އެންޑް އަވޭ އުސޫލުން ރަށްރަށުގައި ކުޅޭ ގޮތަށެވެ.






ރިއެކްޓް