ސިޔާސީ , ޚަބަރު

ޖަވާބު ނުދެވުނު ވާހަކަ ރިޕޯޓުކުރުމުން މިނިސްޓަރަށް ހަޖަމެއްނުވި

14 ޖުލައި 2026 - 13:27
ޖަވާބު ނުދެވުނު ވާހަކަ ރިޕޯޓުކުރުމުން މިނިސްޓަރަށް ހަޖަމެއްނުވި

ސުވާލުތަކަށް ޖަވާބު ނުދެވުނު ކަމަށް ބުނެ "ވިރާސީ"އިން ޝާއިޢުކުރި ޚަބަރާ ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވަރަށް ބޮޑަށް ހިންހަމަނުޖެހިގެން ފާޑުވިދާޅުވެއްޖެއެވެ. 

މިނިސްޓަރު ސައީދާއި މި ނޫހުގެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ "ވިރާސީ" ނޫހުގެ ހެޑްލައިންތަކަކީ ސިޔާސީ ޕާޓީއެއްގެ ގޮތަށް ހަރަކާތްތެރިވެގެން ލިޔާ އެއްޗެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، ވިރާސީއިން ސުވާލު ކުރުމަށްފަހު މިނިސްޓަރަށް ސީދާ ޖަވާބެއް ނުދެއްވުނު ކަމަށް ލިޔެފާނެ ކަމަށާއި، މިދިޔަ ހަފުތާގައިވެސް އެފަދަ ގޮތަކަށް ލިޔެފައިވާ ކަމަށެވެ. "އެހެންވީމާ، ހަމަ އެމް.ޑީ.ޕީގެ ވާހަކަ ދަންނަވާލަން މި ޖެހެނީ އިނގޭތޯ. އެހެންވީމާ، މިއީ ސިޔާސީ ޕާޓީއެއްގެ ގޮތަށް ހަރަކާތްތެރި ވެފައި އޮތް ހެޑްލައިންތަކެއް އަޅުގަނޑަށް ފެނުނީ،" މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖޭގައި އިންވެސްޓްމަންޓަށް އިތުބާރު އުފެއްދުމަށް "ވިރާސީ"އިން މަސައްކަތް ކުރުމަށްވެސް އޭނާ އެދިވަޑައިގެންނެވިއެވެ.

ސައީދު މިހެން ވިދާޅުވީ މިދިޔަ ޖުލައި މަހުގެ 8 ވަނަ ދުވަހު "ހިމަބިހި ފެތުރުމާއި ގުޅޭގޮތުން ކުރި ސުވާލުތަކަށް މިނިސްޓަރުގެ ޖަވާބެއް ނެތް" މި ސުރުހީގެ ދަށުން ވިރާސީއިން ޝާއިޢުކުރި ޚަބަރަކާއި ގުޅިގެންނެވެ. އެ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވަނީ ސިއްހީ ދާއިރާއާއި ގުޅޭ މުހިންމު ސުވާލުތަކެއް މިނިސްޓަރ ގީލާއާއި ކުރިމަތިކުރައްވާފައެވެ.

އެގޮތުން ހިމަބިއްސަށް ޓެސްޓު ކުރާ ކިޓު ހުސްވެފައި ހުރުމުގެ ސަބަބުން ބަލި ފެތުރެން މެދުވެރިވި ކަމަށް ދެކެވޭ ވާހަކަތަކާއި، އާސަންދައިގެ ދަށުން ބޭރުގެ ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ޚިދުމަތްތަކަށް ބުރޫއަރާ މައްސަލައިގެ އިތުރުން، ޑުބާއީ އަދި ބެންކޮކަށް ބޭސްފަރުވާއަށް ފޮނުވި މީހުންގެ އަދަދާ ގުޅޭގޮތުން މެންބަރު ސުވާލު ކުރެއްވިއެވެ.

މެންބަރުގެ އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެ ދުވަހު މިނިސްޓަރު ވިދާޅުވީ، އެ ސުވާލުތަކާ ގުޅޭ މައުލޫމާތު އެ ވަގުތު އަތުގައި ނެތް ކަމަށެވެ. "އިއްޒަތްތެރި މެންބަރު ވަރަށް ގިނަ ސުވާލުތަކެއް ތިޔަ ކުރެއްވީ، ދެން މިއަދު އަޅުގަނޑު މިކޮޅަށް މިއައީ ހަމަ ވަކި ސުވާލުތަކަކަށް ތިޔަ ބޭފުޅުންނަށް ޖަވާބު އެރުވުމަށްޓަކައި،" ވިދާޅުވެ މިނިސްޓަރު އެ ދުވަހު ވާހަކަ ނިންމަވާލެއްވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރުގެ ވާހަކަފުޅުތައް ހުރީ ނޫސްވެރިކަމަށް ފާޑުވިދާޅުވާ މޭރުމަކުންނެވެ. ނަމަވެސް، ވިރާސީ އިން އަބަދުވެސް ރިޕޯޓުކުރަނީ މަޖިލީހާއި އެހެނިހެން ފޯރަމްތަކުގައި ހިނގާ ކަންތައްތައް އެއްވެސް އުނި އިތުރެއް ނުގެނެސް އޮތް ގޮތަށެވެ.

ސަރުކާރުގެ ފަރާތުން ކުރިމަތިވާ ފިއްތުންތަކާއި އެކުވެސް ޒިންމާދާރުކަމާއިއެކީ ނޫސްވެރިކަމުގެ ވާޖިބުތައް އަދާކުރުންމަތީ "ވިރާސީ" ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން މި ފުރުސަތުގައި ހުރިހާ ކިޔުންތެރިންނަށް އަރުވަމެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0