ސިޔާސީ , ޚަބަރު

ވެމްކޯއިން ނަގާ ކޮންމެ ކުނި ކޮތަޅަކަށް ދެ ސުޕަވައިޒަރުންނާއި މެނޭޖަރެއް އެބަހުރި: ފިއްޓެ

14 ޖުލައި 2026 - 11:08
ވެމްކޯއިން ނަގާ ކޮންމެ ކުނި ކޮތަޅަކަށް ދެ ސުޕަވައިޒަރުންނާއި މެނޭޖަރެއް އެބަހުރި: ފިއްޓެ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ހިންގުމުގެ ޚަރަދުތައް ބޮޑުވެ، ކުންފުނީގެ އޯވަހެޑް ނުކަތާ މިންވަރަށް އިތުރުވެފައިވާ ކަމަށާއި ގޭބިސީއަކުން ނަގާ ކޮންމެ ކުނިކޮތަޅަކަށް 3 ވެރިން ތިބޭކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފިއްޓެ ވަނީ ވެމްކޯ އާއި މިސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ފިއްޓެ ވިދާޅުވީ މާލޭގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރާ ވެމްކޯގައި ވެރިންގެ އަދަދު އިންތިހާއަށް ގިނަ ކަމަށެވެ. "މާލޭގައި އާއްމުކޮށް ވެމްކޯ މި އޮންނަނީ. މަސައްކަތްކުރަނީ. ކޮންމެ ކުނިކޮތަޅަކަށް 2 ސުޕަވައިޒަރުން އެއް މެނޭޖަރުން އެބަހުރި އިއްޒަތްތެރި ރައީސް. ދިހަ ގޭބިސީއަށް ކުނި ނަގަން އެންމެ މީހެއް. ވެރިން ގިނައީ އިއްޒަތްތެރި ރައީސް. އޯވަރ ހެޑް ބޮޑުވެގެން މި ކުންފުނިތައް ނުކަތައިގެން މި އުޅެނީ،" ފިއްޓެ ވިދާޅުވިއެވެ.

ކުންފުނީގެ މާލީ ހާލަތާއި ހިންގުމުގެ ނިޒާމަށް ފާޑުވިދާޅުވަމުން ފިއްޓެ ވަނީ މުވައްޒަފުންގެ ޕެންޝަން ފައިސާ ނުދައްކާ އޮތް މައްސަލަވެސް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ މުވައްޒަފުންގެ މުސާރައިން ޕެންޝަނަށްވާ ބައި އުނިކުރަމުން ދިޔަ ނަމަވެސް، ކުންފުނިން ޕެންޝަން އޮފީހަށް ދައްކަންޖެހޭ ފައިސާ ނުދައްކާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. މިއީ ގާނޫނާ ހިލާފު ކަމެއް ކަންވެސް އޭނާ ފާހަނގަކުރެއްވިއެވެ.

މީގެ އިތުރުން، ކުނި ނައްތާލުމުގެ ގާނޫނު ތަންފީޒުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފިއްޓެ ވިދާޅުވީ، ރަށްރަށުގައި ކުނި ނައްތާލެވޭނެ ރައްކާތެރި ނިޒާމެއް ގާއިމުނުކޮށް މިފަދަ ބިލްތައް ތަސްދީގުކޮށް ތަންފީޒުކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި އެކަށީގެންވާ ވަސީލަތްތައް ނެތި މިކަން ކުރަން އުޅުމުން މުޅި ރަށް ކުނިވެ، ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިއްޓެގެ ވާހަކަ ނިންމާލައްވަމުން އޭނާ ވިދާޅުވީ ޔުޓިލިޓީ ކުންފުނިތައް ހަރުދަނާކޮށް، ގާނޫނުތައް ރަނގަޅަށް ތަންފީޒުކޮށްގެން ނޫނީ ރައްޔިތުންނަށް ބޭނުންވާ ހަގީގީ ނަތީޖާ ނުނެރެވޭނެ ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0