ސާބާ 18 އަހަރުންދަށުގެ ކޮލިފަޔާސްގައި ރާއްޖޭގެ ފިރިހެން ޓީމަށް ލޯ މެޑަލް
ސްރީލަންކާގައި މި މަހުގެ 25 އިން 29 އަށް ކުރިއަށްދިޔަ ފީބާ 18 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސްގައި ރާއްޖޭގެ ޒުވާން ފިރިހެން ޓީމު ވާދަކޮށް ލޯ މެޑަލް ކާމިޔާބުކޮށްފި އެވެ.
ޖުމްލަ ހަތަރު ޓީމު ބައިވެރިވި މި މުބާރާތުގައި ރާއްޖެއިން ލޯ މެޑަލް ކަށަވަރުކުރީ ތިންވަނަ ހޮވުމަށް ކުޅުނު ފޯރިގަދަ މެޗުގައި ބަންގްލަދޭޝްއާ ވާދަކޮށް 62-59 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ރާއްޖޭގެ ޓީމުން ފުރަތަމަ ކުއާޓާ ފެށީ ރަނގަޅު ލީޑެއް ނަގައި މޮޅު ކުޅުމަކާއެކުގަ އެވެ. ނަމަވެސް، މެޗުގެ ފުރަތަމަ ދެ ޕީރިއަޑް ނިމުނުއިރު ބަންގްލަދޭޝް އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާއެކު ކުރީގަ އެވެ. ރާއްޖެއިން މެޗުގެ ނަތީޖާ އަނބުރާލީ ފަހު ކުއާޓާގައި ދެއްކި ތަފާތު މޮޅު ކުޅުމުގެ ސަބަބުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ރާއްޖޭގެ އިއަން ޝިހާމް އެވެ.
މި މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމުގެ ޒުއިޒް ޒިލާލް (ޒޮއްޒޮ) ވަނީ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ.
މި މުބާރާތާ އެކު ކުރިއަށްދިޔަ 18 އަހަރުން ދަށުގެ އަންހެން އޭޝިއާ ކަޕް ސާބާ ކޮލިފަޔާސްގައި ރާއްޖޭގެ ޒުވާން އަންހެން ޓީމަށް މެޗަކުން މޮޅުވެވިފައެއް ނުވެ އެވެ. ތިން ޓީމު ވާދަކުރި މި ކޮލިފަޔާސްގައި ރާއްޖެ ވަނީ އިންޑިއާ އަދި ސްރީލަންކާ އަތުން ބަލިވެފަ އެވެ. ނަމަވެސް، އަންހެން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ ލައިރާ ފިރާޝް ވަނީ ހިމެނިފަ އެވެ.
މި އަހަރުގެ ސާބާ ކޮލިފަޔާސްގެ ފިރިހެން އަދި އަންހެން ބައިގެ ޗެމްޕިއަންކަންވެސް ހޯދާފައިވަނީ މިދިޔަ އަހަރުވެސް މި މުބާރާތް ކާމިޔާބުކުރި އިންޑިއާއެވެ.






ރިއެކްޓް