ދަގަނޑޭ ގައުމީ ޓީމަށް 100 މެޗު ހަމަކޮށްފި!
ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ)، ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށް 100 މެޗު ހަމަކޮށް ރާއްޖެއިން ގައުމީ ޓީމަށް 100 މެޗު ކުޅުނު ދެވަނަ ކުޅުންތެރިޔާއަށް ވެއްޖެ އެވެ.
އުމުރުން 40 އަހަރުގައި ދަގަނޑޭ މި ޝަރަފުވެރި ލަނޑުދަނޑި ހާސިލްކުރީ މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބްލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ރާއްޖެއާއި އަފްގާނިސްތާން ބައްދަލުކުރި މެޗުގަ އެވެ. މި މެޗުގެ 84 ވަނަ މިނެޓުގައި ހުސެއިން ޝާފިއު (ކުރޯ)ގެ ބަދަލުގައި ދަގަނޑޭ ވަނީ ކުޅެން އަރާފައެވެ. ދަގަނޑޭ ކުޅެން އެރުމާއެކު އެ ވަގުތު ރާއްޖޭގެ ކެޕްޓަން ބޭންޑު އަޅައިން ދަނޑުމަތީގައި ހުރި އަލީ ފާސިރު (ސެންޓޭ) ވަނީ ދަގަނޑޭއަށް ބޭންޑު ހަވާލުކޮށްފަ އެވެ.
ދަގަނޑޭ ގައުމީ ޓީމަށް ކުޅެން ފެށީ 2003 ވަނަ އަހަރުގަ އެވެ. ގައުމީ ޓީމަށް ކުޅެދިން 100 މެޗުގެ ތެރޭގައި ދަގަނޑޭ ވަނީ ޖުމްލަ 58 ލަނޑު ގައުމީ ޓީމަށް ކާމިޔާބުކޮށްދީފަ އެވެ. މިއީ ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ކުޅުންތެރިއަކު ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ރެކޯޑެވެ.
ރާއްޖެ އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕެއް ކާމިޔާބުކުރިއިރު ދަގަނޑޭ ވަނީ މުބާރާތުގައި މުހިންމު ރޯލެއް އަދާކޮށް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދާފަ އެވެ.
ދަގަނޑޭގެ މި ކާމިޔާބީއާއެކު، އޭނާ ވެގެން ގޮސްފައިވަނީ ގައުމީ ޓީމަށް 100 މެޗު ހަމަކުރި ދެ ކުޅުންތެރިންގެ ތެރެއިން އެކަކަށެވެ. ގައުމީ ޓީމަށް 110 މެޗު ކުޅެ ފީފާ ސެންޗަރީ ކްލަބުގައި ދެން ހިމެނެނީ ކުރީގެ ގައުމީ ކީޕަރު މުހައްމަދު އިމްރާން (އިންމަ) އެވެ.






ރިއެކްޓް