ސިޔާސީ , ޚަބަރު

ސިޔާސީ ފިކުރަށް ބަލައި އެޗްޑީސީގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަނީ

15 ޖުލައި 2026 - 13:53
ސިޔާސީ ފިކުރަށް ބަލައި އެޗްޑީސީގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޮނިގަނޑަށް ބަދަލު ގެންނަ ކަމަށް ބުނެ، އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް އެކަން އަންގައި، އީމެއިލް މެދުވެރިކޮށް ނޯޓިސް ފޮނުވަން ފަށާފައިވާއިރު، މިއީ ސީދާ ވަކި ސިޔާސީ ފިކުރަކަށް އަމާޒުކޮށް ހިންގާ އަމަލެއް ކަމަށް އެ ކުންފުނީގެ މުވައްޒަފުން ދަނީ ތުހުމަތު ކުރަމުންނެވެ.

"ވިރާސީ" އަށް މަޢުލޫމާތުދެމުން އެޗްޑީސީގެ މުވައްޒަފަކު ބުނީ ކުންފުނިން ވަކިކުރަން ނިންމާފައިވަނީ ޕީއެންސީ އާއި ދެކޮޅު ސިޔާސީ ވިސްނުމުގެ މީހުންނާއި ޕީއެންސީގެ ސިޔާސީ ހަރަކާތްތަކާއި ޕްރޮމޯޝަންތަކުގައި ބައިވެރިވާން ދެކޮޅުހަދާ ފަރާތްތަކެވެ.

އެޗްޑީސީން ވަނީ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ މުވައްޒަފުންނަށް އަމިއްލައަށް ރިޓަޔާވުމުގެ ފުރުސަތު މާދަމާ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައެވެ. އަދި އަމިއްލައަށް ވަޒީފާއިން ވަކިވާން އެދި ހުށަނާޅާ މުވައްޒަފުން ގާނޫނީ އިމުގެ ތެރެއިން ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ވެސް އެ ކުންފުނިން ވަނީ ދީފައެވެ.

މި ނިންމުމުގެ ސަބަބުން ގިނަ އަދަދެއްގެ އާއިލާތަކެއްގެ އާމްދަނީއަށް ހުރަސް އެޅިގެންދާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ތެރޭގައި ގިނައީ ސަރުކާރު ހިންގާ ޕާޓީއަށް ތާއީދު ނުކުރާ މީހުންނެވެ. 

ކުންފުނީގެ ހިންގުން ހަރުދަނާކުރުމުގެ ނަމުގައި މުވައްޒަފުން މަގުމަތިކުރަމުންދާއިރު، އެޗްޑީސީގެ އިތުރުން ފެނަކަ ކޯޕަރޭޝަނުން ވެސް ދަނީ މިފަދަ ގޮތަކަށް މުވައްޒަފުން މަދުކުރުމުގެ ޕްރޮގްރާމެއް ހިންގަމުންނެވެ.

މިއީ ސަރުކާރުގެ ކުންފުނިތަކުގައި ތިބި ތަފާތު ފިކުރުގެ މުވައްޒަފުންނަށް ބިރުދައްކައި، ވަޒީފާގެ ބިރުވެރިކަން އުފެއްދުމަށް ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅު އެމްޑީޕީއިން ދަނީ ބުނަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 2
މަޖާ މަޖާ 0