ސިޔާސީ , ޚަބަރު

ޕީއެންއެފް އަކީ އަސްލު ޕީޕީއެމް، އެ ފިކުރު ދަމަހައްޓަނީ އަޅުގަނޑުމެން: ރައީސް ޔާމީން

14 ޖުލައި 2026 - 18:50
ޕީއެންއެފް އަކީ އަސްލު ޕީޕީއެމް، އެ ފިކުރު ދަމަހައްޓަނީ އަޅުގަނޑުމެން: ރައީސް ޔާމީން

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަކީ އަސްލު ޕީޕީއެމް ކަމަށާއި، އެ ޕާޓީން ދަމަހައްޓަނީ ޕީޕީއެމްގެ ފިކުރު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ޕީއެންއެފްގެ ޓައުންހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ޕާޓީގެ ނަމާ ގުޅޭގޮތުން ހުރި ގާނޫނީ ހުރަސްތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ޕާޓީގެ ނަމަކަށް ޕީއެންއެފް ކިޔަން ޖެހުނީ ގާނޫނުގައި އޮންނަ ހުރަހެއްގެ ސަބަބުން ކަމަށެވެ. "މި ޕާޓީގައި ނަމަކަށްވާނީ ޕީ.އެންއެފްއެއް ނޫން. މި ޕާޓީގައި ނަމަކަށްވާނީ ޕީ.ޕީ.އެމް އިނގޭތޯ. މިއީ އަސްލު ޕީ.ޕީ.އެމްއަކީ. އެހެންނަމަވެސް، ގާނޫނުގައި އޮންނަ ދުއްތުރަލަކާ ހެދި" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ގާނޫނުގައި އޮންނަ ގޮތުން ޕާޓީއެއް އުވާލުމަށްފަހު ވަކި މުއްދަތެއް ވަންދެން އެ ނަން ބޭނުން ނުކުރެވޭ އޮތުމަކީ އުޒުރެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޕާޓީއެއް އުވާލުމަށްފަހު އަލުން އެ ނަމުގައި ޕާޓީއެއް ނުހެދޭ ގޮތަށް އޮންނަ އޮތުމަށް ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު މިސާލު ޖެއްސެވީ އިންޑޮނީޝިއާ ފަދަ ގައުމުތަކުގައި ދަނޑުބިންތައް އަންދާލުމަށްފަހު ވަކި މުއްދަތަކަށް ދޫކޮށްލާފައި ބާއްވާ އުސޫލާއެވެ. ޕާޓީތަކާ މެދުވެސް އަމަލުކުރެވެނީ އެފަދަ ގޮތަކަށް ކަމަށާއި، ނަމަވެސް އެއީ މިހާރު ވުޖޫދުގައި އޮންނަން ޖެހޭނެ ފަދަ ގާނޫނެއް ނޫން ކަމަށް ވިދާޅުވިއެވެ.

ޕީޕީއެމްގެ ނަން ބޭނުން ނުކުރެވޭންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވަމުން ރައީސް ޔާމީން ފާހަގަކުރެއްވީ، ޕާޓީއެއް އުވާލުމުގެ ހުއްދަ ގާނޫނުން ދެނީ އެ ޕާޓީއެއްގެ ދަރަނިތައް ދައްކައި ހުރިހާ ކަމެއް ނިންމުމުން ކަމަށެވެ. އެހެންކަމުން، އާ ބަޔަކު އެ ނަމުގައި ޕާޓީއެއް އުފެއްދުމުން އުފުލަން ޖެހޭނެ އިތުރު ތަކުލީފެއް ނުވަތަ އަރަނިދަރަނީގެ މައްސަލައެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައިގެން ޕީއެންއެފް އުފެއްދެވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަޝިޕާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހުގައެވެ. މިހާރު އެމަނިކުފާނު ގެންދަވަނީ ޕީއެންއެފްގެ ހަރަކާތްތައް ވަރުގަދަކޮށް، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 2
ލޯބި ލޯބި 0
މަޖާ މަޖާ 0