ސިޔާސީ , ޚަބަރު

މިސަރުކާރަށް އިގްތިސާދު ހަމަޔަކަށް ނޭޅުވޭނެ، ލަސްނުވަނީސް ގެއަށް ވަޑައިގަންނަވާ: ޖަމީލު

12 ޖުލައި 2026 - 11:06
 2
މިސަރުކާރަށް އިގްތިސާދު ހަމަޔަކަށް ނޭޅުވޭނެ، ލަސްނުވަނީސް ގެއަށް ވަޑައިގަންނަވާ: ޖަމީލު

ރާއްޖޭގެ އިގުތިސޯދީ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި، މި ސަރުކާރަށް އިގުތިސޯދު ހަމަ މަގަށް ނޭޅުވޭނެ ކަމަށް  ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ. 

ސޯޝަލް މީޑިއާގައި ކުރެއްވި ޓްވީޓެއްގައި ޖަމީލު ވިދާޅުވީ ސަރުކާރު މިހާރު ނިމިއްޖެ ކަމަށާއި، ކިތައްމެ ބަހަނާއެއް ދެއްކިޔަސް މި ސަރުކާރަށް އިގްތިސާދު ހަމަޔަކަށް ނޭޅޭނެ ކަމަށެވެ. "މިއަދު ޑޮލަރު އެހުރީ 20:80 ގައި. އަނެއްކޮޅުން ޑޮލަރެއް ލިބެން ނެތް. ސަރުކާރު ކުންފުނިތައް ބަނގުރޫޓްވެއްޖެ،" ޖަމީލު ވިދާޅުވިއެވެ.

ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގަށް ބަލާއިރު، މިދިޔަ ހަފުތާގެ ކުރީކޮޅު ޑޮލަރެއް ލިބުނީ 20.50 ރުފިޔާއަށެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަގު އުފުލެން ފަށައި، މިއަދު ބާޒާރުގައި ޑޮލަރެއް ގަންނަން ލިބެނީ 21 ރުފިޔާއަށެވެ. 

ޖަމީލު އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމުގައި ހުރުމަކީ ގައުމަށް މިވަގުތު ދެވޭނެ އެންމެ ބޮޑު ގެއްލުން ކަމަށެވެ. "މުއިއްޒަކަށް ތިކަމެއް ނުވިނޫންތޯ؟ މާބޮޑަށް ލަސްނުވަނީސް ގެއަށް ވަޑައިގަންނަވާ،"ރައީސްގެ އިސްތިއުފާއަށް ގޮވާލައްވަމުން ޖަމީލު ވިދާޅުވިއެވެ. ޑޮލަރުގެ އަގު މައްޗަށް ދިޔައީ ރާއްޖެއަށް ވަންނަ ބޭރު ފައިސާ މަދުވުމާއި، ޑޮލަރު ހަރަދުކުރާ މިންވަރު ދަށްނުވުމުގެ އިތުރުން ރިކޯޑު އަދަދަކަށް ދަރަނި ދައްކަން ޖެހިފައިވާ ވަގުތެއްގައެވެ.

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ ރިސޯޓުތަކަށް ޑޮލަރު މާރުކުރުން މަޖުބޫރުކޮށްފައެވެ. ނަމަވެސް އެ ބަދަލާއެކުވެސް ޑޮލަރުގެ އަގު ދަނީ މައްޗަށެވެ. ޑޮލަރުގެ އަގު 15.42 އަށް ނުވަތަ އެއަށްވުރެ ތިރިކުރުމަކީ ރައީސް މުއިއްޒާއި އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދުގެ ވައުދެކެވެ.

އެހެންނަމަވެސް، މިފަހުން މިނިސްޓަރު ސައީދު ވިދާޅުވެފައިވަނީ ޑޮލަރުގެ އަގު ތިރިނުކުރެވެނީ "ކުރީ ސަރުކާރުގެ" ސަބަބުން ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0