ކުޅިވަރު

މޮރޮކޯގެ އުންމީދުތަށް ފެނަށް، ފްރާންސް ސެމީއަށް

10 ޖުލައި 2026 - 03:09
މޮރޮކޯގެ އުންމީދުތަށް ފެނަށް، ފްރާންސް ސެމީއަށް
ލަނޑު ޖެހުމަށްފަހު ޑެމްބެލޭ އުފާފާޅުކުރަނީ. ފޮޓޯ: ބީއާރް

ފީފާ ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ މޮރޮކޯއާ ބައްދަލުކޮށް 2-0 ގެ ނަތީޖާއަކުން މޮޅުވެ، ފްރާންސް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ފްރާންސުން މި މުބާރާތުގެ މިހިސާބަށް ދަތުރުކުރީ ގްރޫޕް އައިގެ އެއްވަނަ ހޯދުމަށްފަހު، ގަދަ 32 ގައި ސްވިޑެން އަދި ގަދަ 16 ގައި ޕެރަގުއޭ ބަލިކޮށްގެންނެވެ. އަނެއްކޮޅުން މޮރޮކޯއިން ކުއާޓާ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސީގެ ދެވަނަ ހޯދައި، ގަދަ 32 ގައި ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް ބަލިކުރުމަށްފަހު ގަދަ 16 ގައި ކެނެޑާގެ މައްޗަށް ކުރިހޯދައިގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފްރާންސަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އެޓީމުގެ ތަރިން ކަމަށްވާ ކީލިއަން އެމްބާއްޕޭ އަދި އުސްމާން ޑެމްބެލޭ އެވެ. މި ދެ ކުޅުންތެރިންނަކީވެސް މުޅި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ދެ ކުޅުންތެރިންކަން ފާހަގަކޮށްލެވެއެވެ.

މި މެޗުގައި ޖެހި ގޯލާއެކު އެމްބާއްޕޭ ވަނީ މި މުބާރާތުގައި ޖުމްލަ 8 ލަނޑު ހަމަކޮށްފައެވެ. މިއާއެކު އޭނާ މިހާރު އުޅެނީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމަށް އާޖެންޓީނާގެ ކެޕްޓަން ލަޔަނަލް މެސީއާ އެއްވަރުވެފައެވެ. މެސީވެސް ވަނީ މިހާތަނަށް 8 ލަނޑު ކާމިޔާބުކޮށްފައެވެ.

މޮރޮކޯއަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި 'ފެއަރީޓޭލް' ޓީމެއްގެ ގޮތުގައި ފާހަގަކުރެވި، ސެމީ ފައިނަލާ ހަމައަށް ދަތުރުކުރި ޓީމެކެވެ. އެ ފަހަރުވެސް މޮރޮކޯ މުބާރާތުން ކެޓީ ފްރާންސް އަތުން ބަލިވުމުންނެވެ.

ސެމީ ފައިނަލްގައި ފްރާންސް ބައްދަލުކުރަންޖެހޭ ޓީމެއް ކަށަވަރުވާނީ މާދަމާ ރޭ ސްޕެއިން އަދި ބެލްޖިއަމް ބައްދަލުކުރާ މެޗަށްފަހުގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0