ފައިނަލް މެޗަށްފަހު އުފާ ފާޅުކުރަންވާނީ އެހެންމީހުންގެ ހައްގުތަށް ނުގެއްލޭގޮތަށް: ފުލުހުން
މިރޭ ކުޅުމަށް ހަމަޖެހިފައިވާ ފޯރިގަދަ ވޯލްޑް ކަޕްގެ ފައިނަލް މެޗަށްފަހު އުފާފާޅުކުރުމުގައި، އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށާއި އަމާންކަން ގެއްލިދާނެ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.
މިގޮތުން ސޯޝަލް މީޑިއާގައި ފުލުހުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ "މިރޭ އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ ފޯރިގަދަ ފުޓުބޯޅަ މެޗު ބަލަން ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށާއި އަމާންކަން ގެއްލިދާނެ އެއްވެސްކަމެއް ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރޭ" ކަމަށެވެ.
ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމާއި، އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ، އެހެންމީހުންނަށް އުނދަގޫވާނޭ ކަންކަމުން ދުރުހެލިވުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ. މީގެ އިތުރުން، އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު، މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ދަތިވާނެހެން ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށްވެސް ވަނީ އަންގާފައެވެ.
މެޗު ނިމުމަށްފަހު ބައިބަޔަށް އެއްވުމާއި، ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ނުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ފުލުހުން ފާހަގަކުރި ގޮތުގައި މިފަދަ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވެ، މަގު ބޭނުންކުރާ އެހެންމީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެދާނެއެވެ.
ފުލުހުންގެ އިލްތިމާސް ނިންމާލަމުން ބުނެފައިވަނީ، މެޗުގެ ފޯރީގައި ބައިވެރިވާއިރު، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި އަވައްޓެރިންގެ ހައްގުތަކަށް ހާއްސަ އިސްކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.






ރިއެކްޓް