ޚަބަރު , ސިޔާސީ

ފަރުތައް ހިމާޔަތްކޮށް ބެލެހެއްޓުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

22 ޖުލައި 2026 - 17:02
ފަރުތައް ހިމާޔަތްކޮށް ބެލެހެއްޓުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ފަރުތައް ހިމާޔަތްކޮށް ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ ރާއްޖޭގެ ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްއެމްއާރްއައިގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަމްޖަދު އަޙްމަދު އެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރު އެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ފަރުތައް އާލާކުރުމާއި މޮނިޓަރކުރުމުގެ ދާއިރާއިން ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމެވެ. މި ފަހުމުނާމާގެ ދަށުން ފަރުތައް އާލާކުރުމުގެ މަސައްކަތްތައް ސައިންޓިފިކް އުސޫލުތަކުގެ މަތިން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.

މި އެއްބަސްވުމުގެ ދަށުން އެޗްޑީސީއިން ކުރިއަށްގެންދާ ފަރުތައް އާލާކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ އިރުޝާދާއި، ތަޖުރިބާ އަދި އެހީތެރިކަން އެމްއެމްއާރްއައިގެ ފަރާތުން ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ފަރުތައް މޮނިޓަރކުރުމާއި، އެ ދާއިރާއިން ކުރެވޭ ސައިންޓިފިކް ދިރާސާތައް ހަރުދަނާކުރުމަށް އެޗްޑީސީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދިނުމަށް ވަނީ ނިންމާފައެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ފަހުމުނާމާއަކީ ރާއްޖޭގެ ފަރުތަކުގެ ދިރުންތައް އާލާކޮށް، އެ ނިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން އުންމީދު ކުރެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0