ނަތަންޔާހޫ ހައްޔަރުކުރުމުގެ ގާނޫނީ ބާރު ނިއުޔޯކް ސިޓީއަށް ލިބިފައި ނެތް: މަމްދާނީ
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިއުޔޯކަށް ވަޑައިގެންނެވި ނަމަވެސް، އޭނާ ހައްޔަރުކުރުމުގެ މިނިވަން ގާނޫނީ ބާރެއް ނިއުޔޯކް ސިޓީ ސަރުކާރަށް ލިބިގެން ނުވާ ކަމަށް އެ ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ ވިދާޅުވެއްޖެއެވެ.
މަމްދާނީ މިހެން ވިދާޅުވީ އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައެވެ.
މަމްދާނީ ވިދާޅުވި ގޮތުގައި، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ނަތަންޔާހޫ ހައްޔަރުކުރުމަށް ނެރެފައިވާ އަމުރު ތަންފީޒުކުރެވޭނެ ގާނޫނީ މަގެއް އޮތްތޯ އޭނާގެ ގާނޫނީ ޓީމުން ވަނީ ވަރަށް ބޮޑަށް ދިރާސާކޮށްފައެވެ. ނަމަވެސް، އެ އަމުރު ތަންފީޒުކުރުމުގެ ބާރު ސިޓީ ސަރުކާރަށް ނެތްކަން މިހާރު ސާފުވެފައިވާ ކަމަށާއި، އެމެރިކާގެ ފެޑަރަލް ސަރުކާރުން އައިސީސީއާ ގުޅިގެން އެ އަމުރު ތަންފީޒުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
މީގެ ކުރިން "ދަ ނިއުޔޯކް ޓައިމްސް" އަށް ދެއްވި އިންޓަވިއުއެއްގައި މަމްދާނީ ވިދާޅުވެފައިވަނީ ނަތަންޔާހޫއަކީ އައިސީސީން ދައުވާ އުފުލާފައިވާ "ހަނގުރާމަވެރި މުޖުރިމެއް" ކަމަށެވެ. އަދި އޭނާ ހުންނަން ޖެހޭނީ ބައިނަލްއަގުވާމީ ކޯޓުގެ ކުރިމަތީގައި ދަ ހޭގްގައި ކަމަށްވެސް މަމްދާނީ ވިދާޅުވިއެވެ. އޭނާ މި މޭރުމުން ވާހަކަދެއްކެވީ ގާޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާއި ޖަރީމާތަކާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޯމަ ދުވަހު ވަރުގަދަ ރައްދެއް ދެއްވާފައެވެ. ޓްރަމްޕް ވިދާޅުވީ، ނަތަންޔާހޫ އެމެރިކާއަށް ވަޑައިގަތުމުން އެއްވެސް ސިފައެއްގައި ހައްޔަރު ނުކުރާނެ ކަމަށެވެ. އަދި އިޒްރޭލަކީ އީރާނާ ދެކޮޅަށް ކުރާ މަސައްކަތުގައި އެމެރިކާގެ އެންމެ މުހިންމު ބައިވެރިޔާ ކަމަށްވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
އައިސީސީން 2024 ވަނަ އަހަރު ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރުނީ، ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ހަނގުރާމަވެރި ޖަރީމާތަކުގެ ސަބަބުންނެވެ. ނަމަވެސް އިޒްރޭލާއި އެމެރިކާއަކީ އެ ކޯޓުގެ މެންބަރު ގައުމުތަކެއް ނޫނެވެ. އިޒްރޭލުން ވަނީ މަމްދާނީގެ ވާހަކަތަކަށް ފާޑުކިޔައި، އައިސީސީގެ އަމުރަކީ އެއްވެސް އަސާސެއް ނެތް ބާތިލު އެއްޗެއް ކަމަށް ބުނެފައެވެ.






ރިއެކްޓް