ކަނޑައެޅިފައިވާ މުއްދަތަށް އޮޑިޓް ރިޕޯޓް ހުށަނޭޅުމުން ތިން ޕާޓީއެއް ޖޫރިމަނާކޮށްފި
ކަނޑައަޅާފައި އޮތް މުއްދަތުގެ ތެރޭގައި އޮޑިޓް ރިޕޯޓް ހުށަނޭޅުމުން ތިން ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، ކަނޑައެޅި މުއްދަތުގައި ރިޕޯޓް ހުށަނޭޅުމުގެ ސަބަބުން 50،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަދި އަދާލަތު ޕާޓީ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ޒަކަރިއްޔާ ވިދާޅުވީ، ޖޫރިމަނާ ކުރި ޕާޓީތަކުގެ ތެރެއިން އެމްޑީޕީން މިހާރު އޮޑިޓް ރިޕޯޓް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެމްއެންޕީ އާއި އަދާލަތު ޕާޓީން އަދިވެސް އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. ސިޔާސީ ޕާޓީތަކުގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށަހެޅުމަށް ދިން މުއްދަތު ހަމަވީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހަށެވެ.
އެ މުއްދަތުގެ ތެރޭގައި ރިޕޯޓް ހުށަހަޅާފައިވަނީ ހަތަރު ޕާޓީއަކުންނެވެ. އެއީ ޖުމްހޫރީ ޕާޓީ (ޖޭޕީ)، އެމްޑީއޭ، ޕީއެންސީ އަދި ޕީއެންއެފް އެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޕީއެންސީންނެވެ.
އިދިކޮޅު އެމްޑީޕީއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 9.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރެއިން 8.4 މިލިއަން ރުފިޔާއަކީ އިލެކްޝަންސް ކޮމިޝަނުން ދޫކުރި ފައިސާއެވެ. މީގެ އިތުރުން އާންމު ފަރުދުންގެ ފަރާތުން އެހީގެ ގޮތުގައި އެއް މިލިއަން ރުފިޔާ އަދި ކުންފުނިތަކުން 57،095 ރުފިޔާ ލިބިފައިވެއެވެ. އެމްޑީޕީން މިދިޔަ އަހަރު 8.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ މުސާރައާއި އިނާޔަތްތަކަށެވެ.
ވެރިކަން ކުރާ ޕީއެންސީއަށް މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި 14.1 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރެއިން 13.3 މިލިއަން ރުފިޔާއަކީ އިލެކްޝަންސް ކޮމިޝަނުން ލިބުނު ފައިސާއެވެ. ޕީއެންސީން މިދިޔަ އަހަރު 9.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެ ޕާޓީން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ކުއްޔަށެވެ. އެގޮތުން ކުއްޔަށް 3.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ރިޕޯޓްތަކުން ދައްކައެވެ.






ރިއެކްޓް