ޚަބަރު

ފައިސާ ޗާޕް ނުކުރަން ވައުދުވި ސަރުކާރުން އޮޅުވާލައިގެން 6.2 ބިލިއަން ރުފިޔާ ޗާޕް ކުރަނީ: އަމީރު

22 ޖުލައި 2026 - 11:41
ފައިސާ ޗާޕް ނުކުރަން ވައުދުވި ސަރުކާރުން އޮޅުވާލައިގެން 6.2 ބިލިއަން ރުފިޔާ ޗާޕް ކުރަނީ: އަމީރު

ފައިސާ ޗާޕް ނުކުރާނެ ކަމަށް ވައުދުވެ ވެރިކަމަށް އައި ސަރުކާރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) މެދުވެރިކޮށް އޮޅުވާލައިގެން 6.2 ބިލިއަން ރުފިޔާ ޗާޕްކުރަމުންދާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ތުހުމަތު ކުރައްވައިފިއެވެ.

އަމީރު ވިދާޅުވީ މި މުއާމަލާތަކީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ރޫހާއިވެސް މުޅިން ހިލާފަށް ހިންގާ ކަމެއް ކަމަށެވެ.

އަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމް.އެމް.އޭ އިން ބޭންކުތައް މެދުވެރިކޮށް މިހާތަނަށް 3.8 ބިލިއަން ރުފިޔާ ސަރުކާރަށް ދޫކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ޕެންޝަން ފަންޑުން ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ޓީ-ބިލް އެމް.އެމް.އޭ އިން ގަނެ، އެ ފައިސާ އަނެއްކާވެސް ސަރުކާރުގެ ޓީ-ބިލްގައި އިންވެސްޓްކުރުމަކީ އެމް.އެމް.އޭގެ މެންޑޭޓާއި ޕެންޝަން ފަންޑުގެ އިންވެސްޓްމަންޓް އުސޫލުތައް މުގުރާލައިގެން ހިންގާ "ނުސީދާ ފައިސާ ޗާޕްކުރުމުގެ" އަމަލެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ކޮވިޑް-19 ގެ ދަނޑިވަޅާ މިހާރުގެ ހާލަތު އަޅާކިޔުއްވަމުން އަމީރު ފާހަގަކުރެއްވީ، 2020 އިން 2023 އަށް ދައުލަތުގެ އާމްދަނީން 30 ބިލިއަން ރުފިޔާ މަދުވެ، އިގްތިސާދުން 97 ބިލިއަން ރުފިޔާ ގެއްލިގެން ދިޔަ ނާޒުކު ހާލަތުގައި މަނިޓައިޒްކުރި މިންވަރުގެ 78 އިންސައްތަ މި ސަރުކާރުން މިހާރު މަނިޓައިޒް ކުރަމުންދާ ކަމަށެވެ.

"އިގްތިސާދީ ކާރިސާއެއް ނެތް. ސިއްހީ ކާރިސާއެއް ނެތް. ބޯޑަރު ބަންދެއް ނުކުރޭ. އެކަމަކު މި ސަރުކާރުން އެއްވެސް ހާލަތެއް ނެތި މިކަން މިކުރަނީ ސިއްރުވެރިކަމާއެކު،" އަމީރު ވިދާޅުވިއެވެ.

މި މުއާމަލާތާ ގުޅޭގޮތުން ސަރުކާރާއި ޕެންޝަން އޮފީހުން ބުނަމުންދަނީ މިއީ ޕެންޝަން ފަންޑަށް ބޭރު ފައިސާ ވަންނަން ފަށައި، ފަންޑުގެ މަސްލަހަތުވެރިންނަށް ބޮޑު ފައިދާއެއް ލިބޭނެ ކަމެއް ކަމަށެވެ. ނަމަވެސް މިކަމާ މެދު ހިޔާލުތަފާތުވުން އުފެދި، ޕެންޝަން އޮފީހުގެ ބޯޑު މެންބަރުންނާއި އިސް މުވައްޒަފުންތަކެއް ވަނީ އިސްތިއުފާ ދެއްވާފައެވެ. މި މުއާމަލާތް ނިންމުމުގެ މަސައްކަތް އަވަސްވެފައިވަނީ ޕެންޝަން އޮފީހުގެ ބޯޑަށް އާ ޗެއާމަނަކު އައްޔަންކުރުމާ ގުޅިގެންނެވެ.

މާލީ މާހިރުން ފާހަގަކުރާ ގޮތުގައި، އެމް.އެމް.އޭ އިން ސީދާ ދަރަންޏެއް ނުނެގި ނަމަވެސް، ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން މިގޮތަށް ފައިސާ ބޭނުންކުރުމަކީ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ހިފެހެއްޓުންތަކުން ރެކެން ސަރުކާރުން ކުރާ ކަމެކެވެ. މި މުއާމަލާތް ހިންގަން ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޑޮލަރުގެ ތާށިކަން ބޮޑުވެ، ކަޅު ބާޒާރުގައި ރުފިޔާގެ އަގު ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0