ޚަބަރު

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމަށް އަމްޖަދު މުޞްޠަފާ ޢައްޔަންކުރައްވައިފި

21 ޖުލައި 2026 - 12:21
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމަށް އަމްޖަދު މުޞްޠަފާ ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް، އަލްއުސްތާޛު އަމްޖަދު މުޞްޠަފާ މިއަދު ޢައްޔަންކުރައްވައިފިއެވެ. މި މަޤާމަށް އަމްޖަދު ޢައްޔަންކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ ހުވައި އަމްޖަދު ކުރެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ކުރިފުޅުމަތީގައެވެ. ހުވައިކުރެއްވުމަށްފަހު، މަޤާމުގެ ލިޔުން އަމްޖަދުއާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ.

އަލްއުސްތާޛު އަމްޖަދު މުޞްޠަފާއަކީ ތަޢުލީމީ ގޮތުން ޝަރީޢާއިން ލޯ އިން ބެޗްލަރސް ޑިގްރީއާއި، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ޤާނޫނީ ދާއިރާއިންނާއި ޢާންމު ހިންގުމުގެ ދާއިރާއިން މުއްސަނދި ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

މަސައްކަތުގެ ތަޖުރިބާއަށް ބަލާއިރު، އަމްޖަދު މުޞްޠަފާ ވަނީ މީގެ ކުރިންވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމާއި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމުގެ މަގާމުގެ އިތުރުން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަންވެސް ފުރުއްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0