ޚަބަރު , ސިޔާސީ

ޕާޓީ މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ފިޔަވަޅު އެޅުމުގެ އުސޫލު ހަރުދަނާކުރަން: ޒަކަރިއްޔާ

20 ޖުލައި 2026 - 11:12
ޕާޓީ މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ފިޔަވަޅު އެޅުމުގެ އުސޫލު ހަރުދަނާކުރަން: ޒަކަރިއްޔާ

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއެކު މިހާރު ކުރިއަށްގެންދާ މަޝްވަރާ ބައްދަލުވުންތަކުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ޕާޓީތަކަށް ފިޔަވަޅު އެޅުމުގައި ގެންގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާކުރުމަށް ކަމަށް އެ ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައި ހަސަން ވިދާޅުވީ ޕާޓީތަކަށް ފިޔަވަޅު އެޅުމުގައި ހަމަހަމަ އަދި ޕާޓީތަކަށް ގަބޫލުކުރެވޭ ފަދަ އުސޫލެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ކޮމިޝަނުން ގަބޫލުކުރާ ކަމަށެވެ.

ޒަކަރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ ޕާޓީތަކުގެ ބައްދަލުވުންތައް މިހާރު އަލުން ފަށާފައިވަނީ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހުގައެވެ. ފާއިތުވި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޕާޓީތަކާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާއިރު، މިހާތަނަށް ބައްދަލުކޮށްފައިވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއެވެ.

މިހާރު ކުރިއަށްދާ ބައްދަލުވުންތަކާ ގުޅޭގޮތުން ހަސަން ވިދާޅުވީ، "މި ބައްދަލުވުންތައް ފުރަތަމަ މިގެންދަނީ ވަކިވަކިން. ބަދަލުގެންނަން، މަޝްވަރާކުރަން ޖެހޭ ކަންކަމުގައި ހުރިހާ އެންމެން މަޝްވަރާކުރަން އިށީންނާނަން. އާއްމުން ވެސް ބޭނުންވާ ބަދަލެއް އޮތިއްޔާ ލީޑަރޝިޕާއި ހަމައަށް ގެންނަންވީ. އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން އާއްމުންގެ ޚިޔާލު ޕާޓީ މެދުވެރިކޮށް އަޅުގަނޑުމެންނާއި ހަމައަށް އައުން" ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާނަމަ، އަންނަ އޮގަސްޓް މަހުގެ ކުރީކޮޅާ ހަމައަށް ހުރިހާ ސިޔާސީ ޕާޓީތަކާ ވަކިވަކިން ބައްދަލުކޮށް ނިންމާލެވޭނެއެވެ. އަދި އެއަށްފަހު ހުރިހާ ޕާޓީތައް އެކުވެގެން ބާއްވާ ގުޅިފައިވާ މަޝްވަރާތައް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވެނީ ޕާޓީތަކަށް ދިމާވާ ދަތިތަކާއި، ކަންކަން ވިލަރެސްކުރުމުގައި ޕާޓީތަކަށް ފަސޭހަވާނެ ގޮތަށް އުސޫލުތައް އިސްލާހު ކުރުމާ ގުޅޭގޮތުންނެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް ގެނައުމުގައި ޕާޓީތަކުގެ ޚިޔާލު ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް ހާއްސަ ސަމާލުކަމެއް ދެއެވެ.

މީގެ ކުރިންވެސް ޕާޓީތަކާ މަޝްވަރާކޮށްގެން ގާނޫނީ އޮނިގަނޑަށް ބަދަލުތައް ގެނައުމުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވައި، ހަސަން ވިދާޅުވީ ކޮމިޝަންގެ އަމާޒަކީ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު ނިޒާމު އިތުރަށް ހަރުދަނާކުރުން ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0