މާލޭގެ މަގު ހެދުމުގެ މަޝްރޫއު އަންނަ އަހަރުގެ ކުރީކޮޅު ފަށަނީ
މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތައް ހަދާއިރު، މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ސްޓޯމްވޯޓާ ޑްރައިނޭޖް ނިޒާމާއި، އިމާރާތްކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ޑީވޯޓަރިން ނިޒާމުގެ އިތުރުން އަލިފާން ނިއްވުމަށް ބޭނުންކުރާ ފަޔާ ހައިޑްރަންޓް ނިޒާމު ވެސް މަގުތަކުގައި ގާއިމުކުރާނެއެވެ. މީގެ އިތުރުން ޗައިނާގެ އެހީގައި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން ވެސް މި މަޝްރޫއުގައި ހިމެނެއެވެ.
ރައީސް ވިދާޅުވީ މިއީ މާލޭގެ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދު ކަމަށެވެ. "މާލޭގެ ރައްޔިތުންނަށް އަޅުގަނޑު ވީ އެންމެ ބޮޑު އެއް ވައުދު ފުއްދުމުގެ އަމަލީ މަސައްކަތް މި ފެށެނީ. ފެށިގެން ދެން ނިމޭނީ އެއްކޮށް މަސައްކަތް ކޮމްޕްލީޓުކޮށްފައި އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވިއެވެ. މަގުތައް ބެލެހެއްޓުމުގައި މީގެ ކުރިން އިހުމާލުވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއީ ޒަމާންތަކެއްވީ ބޮޑު މައްސަލައަކަށް ލިބިގެންދާނެ ދާއިމީ ހައްލެއް ކަމަށެވެ.
މިހާރު ކުރިއަށްދާ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ދެވަނަ ފިޔަވަހީގެ ދަށުން އިއްޒުއްދީން ފާލަމުން ފެށިގެން ނަސަންދުރައާ ހަމައަށް ހަދާ ސަރަހައްދު އަންނަ ހަފުތާގައި ހުޅުވާނެ ކަމަށެވެ. އެ ސަރަހައްދުގައި 500 ސައިކަލު ޕާކުކުރެވޭނެ ޖާގަ ހަމަޖައްސަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން، އެމްޕީއެލް އިން ފެށިގެން ރަސްފަންނާ ހަމައަށް ބޮޑުތަކުރުފާނު މަގު ހެދުމުގެ ތިންވަނަ ފިޔަވަހި ފެށުމަށް ވެސް ވަނީ ނިންމާފައެވެ.
ބޭރުމަގު ތަރައްގީކުރުމުގައި ފަޅު ހިއްކައިގެން ކީވޯލް ޖަހާތީ، އުޅަނދުފަހަރު ކައިރިކުރުމަށް ލިބޭ ޖާގަ އިތުރުވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް މާލޭގެ ތޮއްޖެހުމަށް ދާއިމީ ހައްލެއް ލިބޭނީ ހިދުމަތްތަކާއި ބޯހިޔާވަހިކަން ލާމަރުކަޒުކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ އާބާދީގެ 40 އިންސައްތަ މާލޭ ސަރަހައްދުގައި ދިރިއުޅޭއިރު، މިފަދަ މަޝްރޫއުތަކަކީ މިވަގުތަށް ބޭނުންވާ މުހިންމު ހައްލުތަކެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.






ރިއެކްޓް