ޚަބަރު

ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެ ދެ މީހަކަށް އަނިޔާވެއްޖެ

22 ޖުލައި 2026 - 09:47
ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެ ދެ މީހަކަށް އަނިޔާވެއްޖެ

ހދ. ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޭ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ލޯންޗު ބޭނުންނުކުރެވޭ ވަރަށް އަނދައިފިއެވެ.

މި ހާދިސާގައި ލޯންޗުގައި ތިބި ދެ މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނިގޮތުގައި، ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ ދަންވަރު 12:20 އެހައިކަންހާއިރުއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިއަކަށެވެ.

އަނިޔާވި މީހުންނާ ގުޅޭގޮތުން ފުލުހުން ބުނީ، ފަޅުވެރިޔާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް، ލޯންޗުގެ ކެޕްޓަނަށް ލިބުނު އަނިޔާތަކުގެ ސަބަބުން ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

އަލިފާނުގެ މި ހާދިސާގައި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ލޯންޗު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތާއި، މައްސަލައިގެ އިތުރު ތަހުގީގު ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0