ޚަބަރު

މަސްތުވާތަކެއްޗާއެކު ދުވާފަރުން ހަތަރު މީހަކު ހައްޔަރުކޮށްފި

22 ޖުލައި 2026 - 18:19
މަސްތުވާތަކެއްޗާއެކު ދުވާފަރުން ހަތަރު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ އަދި ވިއްކާ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ރ. ދުވާފަރުން ހަތަރު މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދުވާފަރަށް ނިސްބަތްވާ ހަތަރު ފިރިހެނުންނެވެ. އެއީ ކަޝްމީރުގެ، މައިސަމް މުޞްޠަފާ (22އ) އާއި އުފާ، ޢަލީ ފިރްޞާދު އާދަމް (21އ) އާއި ހިރުނދުގެ، ޢަލީ ހަސްރާނު (21އ) އަދި ސަކްސަސް، މުޙައްމަދު ސުނޭޙް (19އ) އެވެ.

މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ދުވާފަރު ޕޮލިސް ސްޓޭޝަން ގުޅިގެން މި މަހުގެ 21 ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގެ ތެރެއިން ކޯޓު އަމުރެއްގެ ދަށުން އެ ރަށުގައި ހުންނަ ކެފޭއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދަޅަކާއި، މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ބައެއް އާލާތްތައް ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މައިސަމް މުޞްޠަފާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ދެން ތިބި ތިން މީހުން ކަމަށްވާ ޢަލީ ފިރްޞާދު އާދަމާއި، ޢަލީ ހަސްރާނު އަދި މުޙައްމަދު ސުނޭޙް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ދުވާފަރު ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0