ހުދުކޫޑި ކޮންޓްރޯލުކުރުމަށް ރުއްތަކަށް ބޭސް ޖެހުމުގެ ޕްރޮގުރާމެއް ފަށައިފި
ދިވެހިރާއްޖޭގެ އެކި އަތޮޅުތަކުގައި ހުރި ރުއްތަކަށް ހުދުކޫޑީގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށްޓަކައި، ރުއްތަކަށް ބޭސްލުމުގެ ޚާއްޞަ ޕްރޮގުރާމެއް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
މި މަސައްކަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ރުއްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމުގެ ޝަކުވާ ލިބެމުންދާތީ އެކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ފެށި މަސައްކަތެކެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ޗައިނާ ސަރުކާރުގެ އެހީގައި ހިންގާ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުންނެވެ. މި ޕްރޮޖެކްޓުގެ ދަށުން ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލުކުރުމަށް ގެނެސްފައިވާ ޔޭޖިއާޗިންގް (އެސެޓަމިޕްރިޑް + މޮނޯސަލްޓެޕް) ޕެސްޓިސައިޑު ބޭނުންކޮށްގެން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކުރި ތަޖުރިބާތަކުން ވަނީ އީޖާބީ ނަތީޖާއެއް ފެނިފައެވެ.
ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ޕެސްޓިސައިޑު ކައުންސިލުތަކާ ޙަވާލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ބޭސް ޙަވާލުކުރުމުގައި ބަލަނީ އެ ރަށެއްގައި ހުރި ރުއްތަކުގެ ޢަދަދަށެވެ. މި ޕްރޮގުރާމުގެ ދަށުން އެންމެ ފުރަތަމަ ބޭސް ޙަވާލުކޮށް، ރުއްތަކަށް ބޭސްލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހއ. ބާރަށުގައެވެ.
މިހާތަނަށް ހއ، ހދ، އަދި ށ އަތޮޅުގެ ރަށްތަކަށް ބޭސް ޙަވާލުކުރުމުގެ ސިޓީތައް ވަނީ ފޮނުވާފައެވެ. އެ އަތޮޅުތަކުގެ ރަށްތަކުން ބޭހާ ޙަވާލުވާނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުންނެވެ. އަދި އެހެނިހެން އަތޮޅުތަކުން ބޭހާ ޙަވާލުވުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ މާލެއިންނެވެ.
މީގެ އިތުރުން، ހުދުކޫޑީގެ މައްސަލަ ބޮޑުވެގެން އެހީތެރިކަމަށް އެދިފައިވާ ލ. ކަލައިދޫ، ގދ. ފިޔޯރީ، އަދި އައްޑޫސިޓީ މީދޫއަށް ވެސް ބޭސް ޙަވާލުކުރުމުގެ އިދާރީ މަސައްކަތްތައް ވަނީ ނިމިފައެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ ބާކީ ހުރި އަތޮޅުތަކަށް ވެސް ބޭސް ޙަވާލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.






ރިއެކްޓް