ޚަބަރު

ޑޮލަރު ހުސްވީ ބޭރުން ފައިސާ ނުގެނެވި އަތުގައި ހުރިހާ ފައިސާއަކުން ދަރަނި ދެއްކުމުން: ނަޝީދު

22 ޖުލައި 2026 - 11:47
ޑޮލަރު ހުސްވީ ބޭރުން ފައިސާ ނުގެނެވި އަތުގައި ހުރިހާ ފައިސާއަކުން ދަރަނި ދެއްކުމުން: ނަޝީދު

ރާއްޖޭގެ ބާޒާރުން ޑޮލަރު ހުސްވެ، ކަޅުބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެން ދިޔައީ ސަރުކާރަށް ބޭރުން ފައިސާ ހޯދުމުގައި ނުކުޅެދި، ރާއްޖޭގައި ހުރި ހުރިހާ ފައިސާއަކުން ދަރަނި ދެއްކުމުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"އަސްލު ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ސަރުކާރަށް ކެޕިޓަލް މާކެޓުން ފައިސާ ނުލިބުމުގެ ސަބަބުން ދަރަނި އަދާކުރީ ރަށުތެރޭގައި ހުރި ހުރިހާ ޑޮލަރެއް ނަގައިގެން ކަމަށެވެ.

ނަޝީދު ފާހަގަކުރެއްވި ގޮތުގައި، އޭޝިއަން ޑިވެލޮޕްމަންޓު ބޭންކް (އޭޑީބީ) އާއި ވޯލްޑް ބޭންކް ފަދަ މުއައްސަސާތަކުން އާންމު އުސޫލުން ދޫކުރާ ލޯނުތައް ރާއްޖެއަށް ލިބިފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، މި އަހަރުގެ ތެރޭގައި އޯޕެކް ފަންޑާއި އައިޑީއޭ އިން ލިބިފައިވަނީ އެންމެ 40 މިލިއަން ޑޮލަރުގެ ލޯނެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. "ރަށުގައި ހުރި ހުރިހާ ޑޮލަރެއް ނަގައި ދަރަނި އަނބުރާ މި ދެއްކީ. އެހެންވީމާ ރަށުން މިއޮތީ ޑޮލަރު ހުސްވެފައި،" ނަޝީދު ވިދާޅުވިއެވެ.

މި އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަންޏެއް އަދާކުރަން ޖެހޭ އަހަރެވެ. އެގޮތުން މިދިޔަ އޭޕްރީލް މަހު ސަރުކާރުން ވަނީ ސުކޫކަށް 524 މިލިއަން ޑޮލަރާއި އިންޑިއާގެ މަރުކަޒީ ބޭންކަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރާއެކު ޖުމްލަ 924 މިލިއަން ޑޮލަރު ދައްކާފައެވެ. މި ބޮޑު ހޭދައާއެކު ބޭރު ފައިސާގެ އަގު އުފުލި، މިހާރު ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 21.35 ރުފިޔާއަށް ވުރެ މަތީގައެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ދަރަނި ރީސްޓްރަކްޗާ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އިން ސަރުކާރަށް ހުށަހެޅި ކަމަށެވެ. ނަމަވެސް ސަރުކާރުން އެ ފުރުސަތުގެ ބޭނުން ނުހިފައި، އަމިއްލަ ޕްލޭނަކަށް ކުރިއަށް ދާން ނިންމި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސީވީއެފް އަކީ މެންބަރު ގައުމުތަކުގެ ދަރަނި އަލުން އެކުލަވާލުމުގައި އެހީތެރިވެދޭ ޖަމިއްޔާއެކެވެ.

ޑޮލަރުގެ އަގު 15.42 ރުފިޔާއަށް ތިރިކުރުމަކީ ރައީސް މުއިއްޒުގެ ވައުދަކަށްވީ ނަމަވެސް، އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ދާދިފަހުން ވިދާޅުވެފައިވަނީ އަގު ތިރިނުކުރެވެނީ ނިމިދިޔަ ސަރުކާރުތަކުގެ ސަބަބުން ކަމަށެވެ. ދަރަނި ހައްލުކުރަން ރިސޯޓުތަކަށް ޑޮލަރު މާރުކުރުން މަޖުބޫރު ކުރި ނަމަވެސް، ޑޮލަރުގެ އަގު ދަނީ އެއްދުވަހުން އަނެއްދުވަހަށް މައްޗަށެވެ.

ފިނޭންސް މިނިސްޓްރީގެ އަންދާޒާއަކީ މި އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 158.8 ބިލިއަން ރުފިޔާއަށް އެރުމެވެ. ނަމަވެސް ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން މި އަދަދު އިތުރުވުމުގެ ފުރުސަތު އޮތްއިރު، ދަރަނި އަދާކުރަން ބަޖެޓުން 12 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0