އާރަށު މައްސަލައިގެ އަޑުއެހުންތައް އަލުން ފަށަން ތައްޔާރުވެއްޖެ
ވ. އާރަށުގެ މައްސަލައިގައި ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން، ކްރިމިނަލް ކޯޓުގައި އެ މައްސަލައިގެ އަޑުއެހުންތައް އަލުން ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި މައްސަލަ އަލުން ބެލުމުގެ މަރުހަލާ މަޑުޖެހިފައި އޮތީ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައެއްގެ ސަބަބުންނެވެ.
ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކުރުމާ ގުޅިގެން، ދައުލަތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް، މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށް، ދައުލަތުން ފަހުން ހުށަހެޅި ހެކިތައް އެއްފަރާތްކުރަން ޖެހޭނެ ކަމަށް ހުކުމްކޮށްފައެވެ. މި ނިންމުމާއެކު، އަންނަ މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ޝަރީއަތްތައް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
2022 ވަނަ އަހަރުގެ ޑިސެމްބަރު 25 ގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ ޖަލު ހުކުމަކާއި 5 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އިއްވިއެވެ. ނަމަވެސް، މި ހުކުމް އިއްވުމުގައި ގާނޫނީ ގޮތުން ގޯސްތަކެއް ހުރިކަން ފާހަގަކޮށް، 18 އޭޕްރީލް 2024 ގައި ހައިކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށްފައެވެ. ހަމައެއާއެކު، މި މައްސަލައިގައި ރިޝްވަތު ދިން ކަމަށް ބުނެ ޔޫސުފް ނައީމަށް އިއްވި 3 އަހަރަށްވުރެ ދިގު ޖަލު ހުކުމްވެސް ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ އަލުން ބަލާއިރު، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ފުރުސަތު ދިނުމަށާއި، ދައުލަތުގެ އައު ހެކިތައް ބޭނުން ނުކުރުމަށް މަތީ މަރުހަލާގެ ކޯޓުތަކުން ވަނީ އަމުރުކޮށްފައެވެ.






ރިއެކްޓް