ފެނަކައިން ނުހައްގުން މުވައްޒަފުން ކަނޑަމުންދާތީ ކުރެންދޫ ރައްޔިތުން އިހްތިޖާޖު ކުރަން ފަށައިފި
ފެނަކަ ކޯޕަރޭޝަނުން ނުހައްގުން މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީ، ޅ. ކުރެންދޫ ރައްޔިތުން ނިކުމެ ސުލްހަވެރި އިހްތިޖާޖެއް ކުރަން ފަށައިފިއެވެ.
މި އިހްތިޖާޖުގައި އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ، ކުންފުނީގެ ނިންމުންތަކާ މެދު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރަށާއި ފެނަކަ އަދި ސްޓެލްކޯގެ މެނޭޖްމަންޓަށް މައިގަނޑު ތިން ކަމަކަށް ގޮވާލާފައެވެ. އޭގެ ތެރޭގައި ވަޒީފާއިން ނުހައްގުން ކަނޑާލި ސަބަބު ބަޔާންކުރުމަށް މިހާރު ސްޓެލްކޯއިން ފޮނުވާފައި ހުރި ފަރާތާ ބައްދަލުކުރުމަށާއި، ޕީއެންސީ ކުޑަ ކޮމިޓީގެ ނުފޫޒުން ކުންފުނި މިނިވަންކުރުމަށް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން ވަޒީފާއިން ވަކިކުރި ހުރިހާ މުވައްޒަފުންގެ ވަޒީފާތައް އިޔާދަކޮށްދިނުމަށް ވެސް ބައިވެރިން ދަނީ ގޮވާލަމުންނެވެ.
އިހްތިޖާޖުގެ ބައިވެރިން ބޭނުންކުރި ޕޯސްޓަރުތަކުގައި ވަނީ ގިނަ ޝުއޫރުތަކެއް ފާޅުކޮށްފައެވެ. އެގޮތުން "14،733 މުވައްޒަފުން ވަކިކުރުމަކީ ބޭއިންސާފެއް" ކަމަށާއި، ރަށު އާއިލާތައް ނިކަމެތިކޮށްގެން ނުވާނެ ކަމަށް ބުނެފައިވެއެވެ. އަދި ހަރަދު ކުޑަކުރުމުގެ ނަމުގައި އާންމު މުވައްޒަފުން ވަކިކުރުމުގެ ބަދަލުގައި، ސިޔާސީ ވަޒީފާތައް މަދުކުރުމަށާއި ގޭގައި ތިބެގެން މުސާރަ ނަގާ މީހުން ވަކިކުރުމަށް ރައްޔިތުން ގޮވާލާފައިވެއެވެ.
މީގެ އިތުރުން، ދައުލަތުގެ ހަރަދުތައް ހުރި ގޮތާ މެދު ވެސް އިހްތިޖާޖުގެ ބައިވެރިން ވަނީ ސުވާލު އުފައްދާފައެވެ. އެގޮތުން ޑްރޯނާއި ބަރުހަތިޔާރު ގަންނަން ކުރާ ހަރަދުތައް ހުއްޓާލުމަށް ވެސް ބައެއް ޕޯސްޓަރުތަކުގައި ލިޔެފައިވެއެވެ. ކުރެންދޫ ރައްޔިތުން ބުނާ ގޮތުގައި ވަޒީފާއިން މީހުން ވަކިކުރުމުގެ ސަބަބުން ރަށުގެ ގިނަ އާއިލާތަކެއްގެ އާމްދަނީއަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
ދާދިފަހުން ސްޓެލްކޯގެ ދަށަށް ގެންގޮސްފައިވާ ޅ. ކުރެންދޫ ފެނަކަ ބްރާންޗުގައި މަަސައްކަތް ކުރަމުންދިޔަ 9 މުވައްޒަފަކު ވަޒީފާއިން ވަކިކުރީ އިއްޔެ ނޫން ކުރިން ދުވަހުގެ ވަގުތެއްގައެވެ. ނަމަވެސް އެ 9 މީހުންގެ ތެރެއިން 5 މީހުންނަކީ ޕީއެންސީގެ ހަރަކާތްތަކުގައި އުޅޭ މީހުންކަން އެނގުނު ހިސާބުން ވަޒީފާ އަލުން އިއާދަކުރިކަމުގެ ޗިޓު އިއްޔެ ވަނީ ފޮނުވާފައެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ވަޒީފާ އަލުން އިއާދަކުރި 5 މީހުންނަށް ޗިޓު ހަވާލުކުރުމަށްފަހު އިތުރު 2 މުވައްޒަފަކު ވަނީ އިއްޔެ ވަޒީފާއިން ވަކިކޮށްފައެވެ. ކުރެންދޫ ބްރާންޗުގައި މަސައްކަތްކުރާ މުވައްޒަފަކު ކިޔައިދިން ގޮތުގައި ވަޒީފާއިން ވަކިކުރާ ޗިޓުތަކުގައި ވަޒީފާއިން ވަކިކުރާ ސަބަބަކަށް ބަޔާންކޮށްފައިވަނީ ޕީސީބީގެ ލަފަޔަކާއި ގުޅިގެން ވަކިކުރާ ކަމަށެވެ.






ރިއެކްޓް