ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި
ވައިގެމަގުން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޖެމެއިކާގެ ރައްޔިތެއްކަމަށްވާ އުމުރުން 53 އަހަރުގެ އެންޑްރޫ ލޮއިޑް ކޯބިން އާއި، ނ. ޅޮހި، ނޯރައިޓްގެ، އިބްރާހީމް އަތޫފް (20އ) ގެ އިތުރުން ދިވެހި ފިރިހެނެކެވެ.
މި މީހުންގެ ތެރެއިން ޖެމެއިކާގެ ރައްޔިތެއް ކަމަށްވާ އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ 2026 ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު، ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްގެން އެތެރެކުރަން އުޅޭކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެންނެވެ.
މި މައްސަލައިގައި ދެން ހިމެނޭ އިބްރާހީމް އަތޫފް އާއި އަނެއް ދިވެހި މީހާ ހައްޔަރުކޮށްފައިވަނީ، އެންޑްރޫ ލޮއިޑް ކޯބިންއާ ބައިވެރިވެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭތީއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ޖުލައި 20 ވަނަ ދުވަހު ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެންޑްރޫ ލޮއިޑް ކޯބިން އާއި އިބްރާހީމް އަތޫފް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ނަމަވެސް، މި މައްސަލައިގައި ހިމެނޭ ތިންވަނަ މީހާ ކޯޓުން ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.






ރިއެކްޓް