ތ. އަތޮޅުގައިވެސް ޓައުންޝިޕް މަޝްރޫއެއް ފަށަނީ
ތ. އަތޮޅުގައި 175 މިލިއަން ޑޮލަރުގެ "ސަސްޓެއިނަބަލް ޓައުންޝިޕެއް" ތަރައްގީކުރުމަށް ބްލޫ ސިނާޖީ އިންވެސްޓްމަންޓްސް އަދި ލަންޑަންގެ އެމެރަލްޑް ކޯޕަރޭޓްސް ގުޅިގެން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
"ތާ އައިލެންޑް ކްލަސްޓަ ސަސްޓެއިނަބަލް ޓައުންޝިޕް" ގެ ނަމުގައި ހިންގާ މި މަޝްރޫއަކީ ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގާ ގޮތް ބަދަލުކޮށް، މޫސުމީ ބަދަލުތަކުން ރައްކާތެރިވުމާއި ސަރަހައްދީ އިގްތިސާދު ކުރިއެރުވުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެއް ކަމަށް މަޝްރޫއު ހިންގާ ފަރާތްތަކުން ބުނެއެވެ.
މި މަލްޓި-އައިލެންޑް އިކޯސިސްޓަމްގައި ސޯލާ އަދި ސްޓޯރޭޖް ނިޒާމުތަކާއި، ކަނޑުގެ ހަކަތަ ބޭނުންކުރުމުގެ ޕައިލެޓް ޕްރޮގްރާމްތަކުގެ އިތުރުން މަތީ ފެންވަރުގެ އިކޯ-ރިސޯޓްތައް ހިމެނެއެވެ. މީގެ އިތުރުން، ފާނަ އާއި ހުއިފިލަނޑާ އަދި މޫދުވިނަ އާލާކޮށް އެކްސްޕޯޓް ކުރުމުގެ ބޮޑު މެރިކަލްޗާ ސިނާޢަތެއް މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަށް ބޭނުންވާ މާލީ އެހީތެރިކަމާއި އިސް ސްޓްރެޓީޖިކް އިރުޝާދު ދެއްވަނީ އެމެރަލްޑް ގްރޫޕްގެ ޗެއާމަން ޑރ. ސައިލޭޝް ލާޗޫ ހިރަނަންދާނީއެވެ. ރާއްޖޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް އިސްކޮށް ބަލަހައްޓަވާނީ ބްލޫ ސިނާޖީގެ މެނޭޖިން ޑިރެކްޓާ، ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ފަޔާޒެވެ. މި މަޝްރޫއު ފެށުމުގައި ސަންޖޭ ޝްރަވަން އިސް ދައުރެއް އަދާކުރެއްވިއިރު، އޮޕަރޭޝަނަލް މަސައްކަތްތަކުގައި އެހީތެރިވެދެއްވަނީ މަހެންދުރަ ޖޯޝީއެވެ.
މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުހައްމަދު ފަޔާޒް ވިދާޅުވީ، "މި ޕާޓްނަޝިޕްގެ އަސްލު މޭސްތިރިއަކީ ޑރ. ސައިލޭޝް ލާޗޫ ހިރަނަންދާނީގެ ފުރިހަމަ ތަސައްވުރު،" ކަމަށެވެ. އަދި ބައިނަލްއަގްވާމީ އިންވެސްޓްމަންޓްތަކާއި ތިމާވެއްޓާ ރައްކާތެރި އިންފްރާސްޓްރަކްޗާ ގުޅުވާލުމަށް އޭނާ ގެންގުޅުއްވާ ހާއްސަ ހުނަރުގެ ސަބަބުން މިފަދަ ބޮޑު މަޝްރޫއެއް ފެށުމުގެ ބިންގާ އެޅިފައިވާކަން ފަޔާޒް ފާހަގަކުރެއްވިއެވެ.
މި މަޝްރޫއަކީ ތިމާވެއްޓާ ރައްކާތެރި އަދި އަމިއްލައަށް ހަކަތަ އުފައްދާ (ނިއާ-ނެޓް-ޒީރޯ) ޖަޒީރާ މުޖުތަމައުތަކަށް ނަމޫނާއަކަށް ވެގެންދާނެ މަޝްރޫއެއް ކަމަށްވެސް ފަޔާޒް ވިދާޅުވިއެވެ. ރާއްޖޭގެ ގްރީން ޓޫރިޒަމާއި މެރިކަލްޗާ އެކްސްޕޯޓަށް ސީދާ ފައިދާވުމުގެ އިތުރުން، މި މަޝްރޫއުގައި އިންޑިއާގެ އެޑްވާންސް މެރިން-ސޯލާ ނިޒާމުތަކާއި ސްމާޓް ގްރިޑްތަކަށް ބަރޯސާވާނެތީ، މިއީ ދެ ގައުމުގެ އިގްތިސާދަށްވެސް ކުރިއެރުން ލިބޭނެ ކަމެއް ކަމަށް މަޝްރޫއު ހިންގާ ފަރާތްތަކުން ބުނެއެވެ.
މި ބޮޑު މަޝްރޫއުގެ ސަބަބުން ތ. އަތޮޅުގެ ރައްޔިތުންނަށް ދިގު މުއްދަތުގެ ފައިދާއާއި ތަނަވަސްކަން ލިބިގެންދާނެ ކަމުގެ ޔަގީންކަން އިންވެސްޓަރުން ދެއްވާއިރު، މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެ ވަކި ތާރީހެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.






ރިއެކްޓް