ޚަބަރު , ސިޔާސީ

މުއިއްޒުގެ ސަރުކާރުން އައްޑޫގެ މަޝްރޫއުތައް ހުއްޓުވަނީ ތާއިދު ނެތުމުން: ފައްޔާޒް

24 ޖުލައި 2026 - 21:44
މުއިއްޒުގެ ސަރުކާރުން އައްޑޫގެ މަޝްރޫއުތައް ހުއްޓުވަނީ ތާއިދު ނެތުމުން: ފައްޔާޒް

އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ އެ ސިޓީގައި ފަތުރުވެރިކަން ތަރައްގީވުމަށް ފުރުސަތު ނުދިނުމަށް ކުރި ކަމެއް ކަމަށް ވިދާޅުވެ، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ފައްޔާޒު ވިދާޅުވީ މި ސަރުކާރުން އައްޑޫގެ މަޝްރޫއުތައް ހުއްޓުވަނީ ސިޔާސީ ބޭނުމެއްގައި، އެ ސިޓީގައި ސަރުކާރަށް ތާއިދު ނެތުމުން ކަމަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، ސަވާހެލި މަޝްރޫއު ހުއްޓުވާފައި އޮތީ އައްޑޫ އަދި ހާއްސަކޮށް ފޭދޫގައި ތަރައްގީކުރަމުންދާ ގެސްޓްހައުސްތަކުގެ ވިޔަފާރި މަރާލުމަށް ކަމަށެވެ. "ތިން އަހަރުވާންދާއިރު ފައިސާ ހަމަޖެހި ޕްލޭންތައް ހެދިފައި އޮތް މަޝްރޫއުއެއް ކުރިއަށްނުގެންދަނީ ސަރުކާރަށް އައްޑޫގައި ތާއިދު ނެތުމުން. އެތައް ވަޒީފާއެއް އުފެދި އައްޑޫ ރައްޔިތުންނަށް ޑޮލަރުން އާމްދަނީ ލިބޭނެ މިފަދަ މަޝްރޫއުތައް ހުއްޓުވުމަކީ ޖީލުތަކަކަށް ދެވޭ ގެއްލުމެއް،" ފައްޔާޒު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ސަވާހެލި ތަރައްގީކުރަން ބީލަމަށް ހުޅުވާލާފައި ވަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިދޭ ބާރުގެ ދަށުން އެތަން ވަނީ ސިޓީގެ އިހުތިސާސުން ވަކިކޮށްފައެވެ. މިކަމާ ގުޅިގެން އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވީ، މިއީ ފޭދޫ ޓޫރިޒަމް ޒޯނުގެ ކުރިއެރުމަށް ހުރަސްއެޅުމަށް ހިންގި ސިޔާސީ ނާތަހުޒީބު އަމަލެއް ކަމަށެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ސަވާހެލި އައްޑޫގެ އިހުތިސާސުން ވަކިކުރީ ފަތުރުވެރިކަމުގެ ބޭނުމަށް ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިން ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެފައިވަނީ، ސަވާހެލި ފޭދޫއާ ވަކިކުރުމަކީ އެތަނުގައި ރާ ވިއްކޭނެ ގޮތް ހެދުމަށް އޭނާ ގެންގުޅުއްވާ ވިސްނުމެއް ކަމަށެވެ.

ސަވާހެލިއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2023 ވަނަ އަހަރު އައްޑޫ ސިޓީ ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި ހިމެނި ތަނެކެވެ. ކައުންސިލުން އޭރު ރޭވީ އެތަނުގައި ގެސްޓްހައުސްތައް ތަރައްގީކޮށް، ފޭދޫގެ ލޯކަލް ޓޫރިޒަމަށް ދިރުން ގެނައުމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 1
މަޖާ މަޖާ 1