ކޮންޓްރެކްޓް ހަމަވެއްޖެ ކަމަށް ބުނެ ލޭ އަޅާ ކުއްޖަކު ވަޒީފާއިން ވަކިކޮށްފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ވަޒީފާއެއްގައި ހުރި ލޭއަޅާ ކުއްޖަކު، ކޮންޓްރެކްޓް ހަމަވެއްޖެ ކަމަށް ބުނެ ވަޒީފާއިން ވަކިކޮށްފިއެވެ.
މިގޮތުން ވަޒީފާއިން ވަކިކޮށްފައިވަނީ އެ ކުންފުނީގެ އެއާޕޯޓު އޮޕަރޭޝަން ޑިވިޝަންގެ އެސިސްޓެންޓް އޮފިސަރުގެ މަގާމުގައި ހުރި ތ. ކަނޑޫދޫ، ސަމާޕެލެސް، ހަސަން ޝާމް އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާމް ވަޒީފާއިން ވަކިކޮށްފައިވަނީ ފާއިތުވި ހަފްތާގެ ހޯމަ ދުވަހުއެވެ. އޭނާ ވަޒީފާއިން ވަކިކުރިކަމުގެ އެންގުމުގައި ބުނެފައިވަނީ ވަޒީފާގެ ކޮންޓްރެކްޓް މުއްދަތު ހަމަވެފައިވާ ކަމަށެވެ.
ތެލެސީމިއާ ކުއްޖަކު ވަޒީފާއިން ވަކިކޮށްފައި މިވަނީ، ތެލެސީމިއާ ކުދިންނާއި މީހުންގެ ބޭނުންތަކަށް ސަރުކާރުން އިސްކަންދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ. 05 މޭ 2025 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ތެލެސީމިއާ ކޮމިއުނިޓީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ މިކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން، 2025 ވަނަ އަހަރުގެ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، "ތެލެސީމިއާ ކުދިންނަށްވެސް އެހެން ކުދިންނެކޭ އެއްފަދައިން ހަމަހަމަ ޙައްޤުތަކާއި، ތަޢުލީމާއި، އާމްދަނީ ހޯދުމުގެ ފުރުޞަތުތައް ލިބިދޭންޖެހޭނެ" ކަމަށެވެ. އަދި އެކުދިންނަކީ މުޖުތަމައުގައި ފުރިހަމައަށް ބައިވެރިކުރެވޭ ބަޔަކަށް ހެދުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން، ސަރުކާރުގެ ކުންފުންޏަކުން ތެލެސީމިއާ ކުއްޖަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.






ރިއެކްޓް