ޚަބަރު

ބިރުވެރިކަން އުފެދޭ ގޮތަށް ބްރިޖުގައި ދުއްވި ތިން ސައިކަލެއް ޓޯކޮށްފި

25 ޖުލައި 2026 - 19:29
ބިރުވެރިކަން އުފެދޭ ގޮތަށް ބްރިޖުގައި ދުއްވި ތިން ސައިކަލެއް ޓޯކޮށްފި

ސިނަމާލެ ބްރިޖުގައި އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް ފުލުހުން މިއަދު ހިފަހައްޓައި ޓޯކޮށްފިއެވެ. 

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ބްރިޖު މަތީގައި ނުރައްކާތެރިކޮށް ދުއްވި މި ތިން ސައިކަލު 2026 ޖުލައި 25 ވަނަ ދުވަހު ޓޯކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަށް ކަމަށެވެ. މި ސައިކަލުތައް ހިފަހައްޓާފައިވަނީ ބްރިޖު މަތީގައި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ސައިކަލުތަކެއް ދުއްވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދަނިކޮށެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެންނަ ގޮތުގައި، ޒުވާން އުމުރުފުރައިގެ ބަޔަކު ވަނީ ކާރޫބާރޫ ބޮޑު ބްރިޖު މަތީގައި ނުރައްކާތެރި ސްޓަންޓުތަކެއް ޖައްސާފައެވެ. އޭގެ ތެރޭގައި ސައިކަލު މަތީގައި އޮށޯވެ އޮވެގެން ވަރަށް ބާރު ސްޕީޑުގައި ދުއްވާ މަންޒަރުވެސް ހިމެނެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފުވުމުން ސައިކަލުތައް ޓޯކުރި ނަމަވެސް، އެކަން ކުރި މީހުންނާ މެދު އިތުރު ފިޔަވަޅެއް އެޅިކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފިޔަވަޅު އެޅުން ލަސްވުމާއި އެކަށީގެންވާ ފިޔަވަޅުނޭޅުމުގެ ސަބަބުން މިފަދަ ނުރައްކާތެރި އަމަލުތައް ހުއްޓުވުމުގައި ފުލުހުން ނުކުޅެދިފައިވާ ކަމަށްބުނެ އާންމުންގެ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 1
މަޖާ މަޖާ 0