ޚަބަރު

ނަފްސާނީ ދުޅަހެޔޮކަމަށް ވަށައިޖެހޭ ހައްލެއް ގެންނާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

25 ޖުލައި 2026 - 11:14
ނަފްސާނީ ދުޅަހެޔޮކަމަށް ވަށައިޖެހޭ ހައްލެއް ގެންނާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ
ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތަކަށް ވަށައިޖެހޭ ދާއިމީ ހައްލެއް ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ފަސްވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުވުމަށާއި އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު ކަމަށެވެ. ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ބުލީކުރުމުގެ މައްސަލަ ބޮޑުވެފައިވާކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބޭ ގެއްލުންތަކުން މުޖުތަމައު ސަލާމަތްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބުލީކުރުމުގެ ސަބަބުން ބައެއް ފަރާތްތަކުގެ ފުރާނައަށް ނުރައްކާވާ ފަދަ ހާދިސާތައް ރާއްޖޭގައި ހިނގަމުންދާތީ، އެކަން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ" ގާނޫނެއް ފަރުމާކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި ގާނޫނުގެ ދަށުން ބުލީކުރުމަކީ ޖިނާއީ ކުށަކަށް ހަދައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބު ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

"ބައިނަލްއަގްވާމީ މާހިރުންނާއި ރާއްޖޭގެ ކަމާގުޅޭ މުއައްސަސާތަކުގެ ލަފަޔާއެކު މި ބިލު އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރިއަށް. މިކަމުގައި މުޅި މުޖުތަމައުގެ އެއްބާރުލުން ބޭނުންވާނެ،" ރައީސް ވިދާޅުވިއެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ނަފްސާނީ ބަލިތަކުގެ ފަރުވާގެ ޚިދުމަތްތައް މިހާރު އާސަންދައިގެ ދަށުން ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. މީގެ އިތުރުން ނަފްސާނީ ބަލިތަކަށް ޚާއްޞަ މަރުކަޒެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށާއި، ވަގުތީ އަދި ދާއިމީ ހައްލުތައް ހޯދުމަށް ފަންނީ ބޭފުޅުންނާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ޖިސްމާނީ ދުޅަހެޔޮކަމެކޭ އެއްފަދައިން ނަފްސާނީ ދުޅަހެޔޮކަމަކީ އުފާވެރި ދިރިއުޅުމަކަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0