ހޫތީން ސައުދީއަރަބިއްޔާއަށް ކުރާ ތުހުމަތުތައް ރާއްޖެއިން ކުށްވެރިކޮށްފި
ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސައުދީއަރަބިއްޔާއާ ދެކޮޅަށް ކުރަމުންދާ ތުހުމަތުތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔަމަނުގެ އަހުލުވެރިން ހިސާރުކޮށްފައިވާ ކަމަށް ބުނެ ހޫތީން ސައުދީއާ ދެކޮޅަށް ކުރަމުންދާ ދޮގު ތުހުމަތުތަކާއި އިލްޒާމްތައް ކުށްވެރިކޮށް، ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.
ދިވެހި ސަރުކާރުން ވަނީ ޔަމަނުގެ ގާނޫނީ ސަރުކާރާއި އދ. އާ ގުޅިގެން، އެ ގައުމަށް ސުލްހަ މަސަލަސްކަން ގެނައުމަށާއި ޔަމަނުގެ ރައްޔިތުން އުފުލަމުންދާ ތަކްލީފުތަކަށް ލުޔެއް ހޯދައިދިނުމަށް ސައުދީއަރަބިއްޔާއިން ކުރަމުންދާ ދިގު މުއްދަތުގެ މަސައްކަތްތައް ބަލައިގަންނަކަން ހާމަކޮށްފައެވެ. މީގެއިތުރުން ޔަމަނުގެ ތަރައްގީއަށާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސައުދީން ވެދެމުންދާ އެހީތެރިކަންވެސް މިނިސްޓްރީން ފާހަގަކުރިއެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ސައުދީ އަރަބިއްޔާއާ އެކުކަމަށާއި، ޔަމަނުގެ ސަލާމަތާއި، ރައްކާތެރިކަމާއި ހަމަޖެހުމަށް ކުރެވޭ ހުރިހާ މަސައްކަތްތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމަށެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޫތީ ލީޑަރުން ވަނީ ސައުދީއަރަބިއްޔާގެ ބަނދަރުތަކަށް ކަނޑުމަގުން ވަދެ ނިކުމެ ހަދާ އުޅަނދުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ. ހޫތީން މިކަން އިއުލާނުކޮށްފައިވަނީ، މިދިޔަ ހަފުތާގައި ޔަމަނުގެ ސަންއާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
ހޫތީން ތުހުމަތުކުރާ ގޮތުގައި ވޭތުވެދިޔަ 12 ވަރަކަށް އަހަރު ސައުދީ އަރަބިއްޔާއިން ވަނީ ޔަމަނުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ހިސާރުކުރުމެއް ގެންގުޅެފައެވެ. އަދި ޔަމަނުގެ ވަސީލަތްތައް ފޭރިގަނެ، އެ ގައުމުގެ ބަނދަރުތަކާއި ވައިގެ ބަނދަރުތައް އެއްގަމާއި، ކަނޑާއި، އަދި ވައިގެ މަގުން ސައުދީން މުޅިން ބަންދުކޮށްފައިވާ ކަމަށްވެސް ހޫތީން ބުނެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.






ރިއެކްޓް