ޚަބަރު

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ: މެޓް އޮފީސް

25 ޖުލައި 2026 - 14:10
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ: މެޓް އޮފީސް

ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން (މެޓް އޮފީސް) ވިދާޅުވެއްޖެއެވެ.

މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އެ އިދާރާއިން ދީފައިވާ މައުލޫމާތެކެވެ.

މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ. އަދި ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ވައިގެ ހާލަތަށް ބަލާއިރު، ކުރިއަށް އޮތް 3 ދުވަހުވެސް ވައި ހުންނާނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގައި ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން، ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

ވިއްސާރަ ކުރި ނަމަވެސް، އެއްވެސް ހިސާބަކަށް މޫސުން އާދަޔާ ހިލާފަށް ގޯސް ނުވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އެހެންނަމަވެސް، ކަނޑުދަތުރު ކުރާ ފަރާތްތަކުން ދުރާލާ ތައްޔާރުވެ، މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0