ޚަބަރު , ސިޔާސީ

ރައީސް އޮފީސް ޖޫރިމަނާކުރުމުން އިންފޮމޭޝަން ކޮމިޝަނަރަކީ އިދިކޮޅު ފަރާތެއް ކަމަށް ރައީސް ވިދާޅުވެއްޖެ

26 ޖުލައި 2026 - 19:58
ރައީސް އޮފީސް ޖޫރިމަނާކުރުމުން އިންފޮމޭޝަން ކޮމިޝަނަރަކީ އިދިކޮޅު ފަރާތެއް ކަމަށް ރައީސް ވިދާޅުވެއްޖެ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ (އާރުޓީއައި) ދަށުން އައްޔަނުކޮށްފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އާހިދު ރަޝީދަކީ އިދިކޮޅު ސިޔާސީ މީހެއް ކަމަށާއި، އޭނާ މަސައްކަތް ކުރައްވަނީ އިދިކޮޅުގެ އޯޑަރުތަކަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އާހިދަކީ އިދިކޮޅު ސިޔާސީ ފަރާތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ ދާދި ފަހުން މައުލޫމާތު ނުދީގެން ރައީސް އޮފީސް ޖޫރިމަނާ ކޮށްފައިވަނިކޮށެވެ.

ރައީސް މުއިއްޒު ވިދާޅުވީ އާހިދަކީ މިދިޔަ ސަރުކާރުން އައްޔަންކޮށްފައި ހުންނެވި ބޭފުޅެއް ކަމަށާއި، އޭނާއަށް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން އޯޑަރު އަންނަ ކަމަށެވެ. "އިންފޮމޭޝަން ކޮމިޝަން ހިންގަވަން ހުރީ އިދިކޮޅު ފަރާތެއް. މިދިޔަ ސަރުކާރުން އައްޔަންކޮށްފައި ހުންނެވި ބޭފުޅެއް. ގައިމު ނުކުރައްވާނެ ސިޔާސީ ގޮތުން އަޅުގަނޑުމެންނާ ދެކޮޅު ކަންތައްތައް ކުރައްވަން އޯޑަރު އަންނަ ބޭފުޅަކު މި ކަހަލަ އިއުލާނެއް މިކަން އަޅުގަނޑުމެން ތަންފީޒުނުކުރާނަމަ،" ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދަ ތުހުމަތުތަކެއް ކުރެއްވީ މި ސަރުކާރަކީ ވޭތުވި އެއްވެސް ސަރުކާރެއްގައި ހާމަނުކުރާ ވަރަށް މައުލޫމާތު ހާމަކުރާ، ދެފުށް ފެންނަ ސަރުކާރެއް ކަމަށް ވިދާޅުވަމުންނެވެ. އެގޮތުން އާރުޓީއައި ގާނޫނުގައި ބުނާ ގޮތަށް އަމިއްލަ އިސްނެގުމުގައި އިދާރާތަކުން ހާމަކުރަން ލާޒިމު މައުލޫމާތު މި ސަރުކާރުގެ ހުރިހާ ވުޒާރާތަކުން ހާމަކުރިކަން އާހިދު އިއުލާންކުރެއްވި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ގާނޫނުގައި ބުނާ ކަންކަން ސަރުކާރުން ތަންފީޒުނުކުރާ ނަމަ، އެފަދަ އޯޑަރު ލިބޭ މީހަކު އެ މައުލޫމާތު ހާމަކުރި ކަމަކަށް ނުބުނާނެ ކަމަށެވެ.

ނަމަވެސް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންމެ ފަހުން ނެރުނު އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، އެންމެ ގިނަ ޝަކުވާ ހުށަހަޅާފައިވަނީ ރައީސް އޮފީހާ ދެކޮޅަށެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި އެކަނިވެސް ރައީސް އޮފީހުގެ 64 މައްސަލައެއް ބަލާފައިވާ ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. 

ރައީސް އޮފީހުން މީގެ ކުރިން ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ ގިނަ އެންގުންތަކަށް ބޯލަނބަން ދެކޮޅު ހަދާފައެވެ. ސަރުކާރުން ބުނާ ގޮތަށް ކަންކަން ނުކުރާ މިނިވަން މުއައްސަސާތަކުގެ ވެރިންގެ ބާރު ކަނޑުވައި، ސަރުކާރުން ބޭނުންވާ ގޮތަށް އަމަލުކުރާނެ ފަރާތްތައް އައްޔަންކުރަމުންދާ ކަމުގެ ފާޑުކިޔުންތައްވެސް ވަނީ އަމާޒުވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 2
ލޯބި ލޯބި 0
މަޖާ މަޖާ 0