ޚަބަރު , ސިޔާސީ

މިއީ މިނިވަން ދުވަހުގެ ޖަލްސާއަށް ދައުވަތު ނުލިބޭ ފުރަތަމަ ފަހަރު: ރައީސް ނަޝީދު

26 ޖުލައި 2026 - 17:00
މިއީ މިނިވަން ދުވަހުގެ ޖަލްސާއަށް ދައުވަތު ނުލިބޭ ފުރަތަމަ ފަހަރު: ރައީސް ނަޝީދު
ޖަލުގައި އޮންނެވިއިރު ވެސް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ދައުވަތު ލިބިވަޑައިގަތް ކަމަށާއި، ނަމަވެސް މިއަދަކީ އެ ޖަލްސާއަށް ދައުވަތު ލިބިވަޑައިނުގަތް ފުރަތަމަ ފަހަރު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރަސްމީ ޖަލްސާ ބާއްވާފައިވަނީ މިއަދު ޒުވާނުންގެ މަރުކަޒުގެ ހޯލުގައެވެ.

އެ ޖަލްސާއަށް ދައުވަތު ލިބިވަޑައިނުގެން، އެކަމާ ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. ނަޝީދު ވިދާޅުވީ "އަޅުގަނޑު މަދަރުސާއަށް ވަން ފަހުން މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ނުކިޔާ މިއީ ފުރަތަމަ ފަހަރު" ކަމަށެވެ. އަދި ޖަލުގައި އޮތްއިރު ވެސް އެމަނިކުފާނަށް ދައުވަތު ލިބިވަޑައިގެންނެވިކަން ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދަށް ދައުވަތު ދެއްވިތޯ ސާފުކުރުމަށް ރައީސް އޮފީހުގެ މައުލޫމާތު ހޯދަން މަސައްކަތް ކުރި ނަމަވެސް، އެކަމާ ގުޅޭގޮތުން ރަސްމީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

މިއަދު ބޭއްވި މި ޖަލްސާގައި ދައުލަތުގެ އިސްވެރިންނާއި، ބޭރު ގައުމުތަކުގެ ސަފީރުންނާއި ގިނަ އަދަދެއްގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ޖަލްސާގައި ހަތަރު ބޭފުޅަކަށް ނިޝާން އިއްޒުއްދީންގެ ލަގަބު އަރުވާފައިވާއިރު، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމުގެ ޝަރަފު 66 ބޭފުޅަކަށް ވަނީ އަރުވާފައެވެ. މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަކީ ކޮންމެ އަހަރަކު ވެސް ދައުލަތުގެ ފަރާތުން ބާއްވާ އެންމެ ބޮޑު އެއް ރަސްމިއްޔާތެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 2
ލޯބި ލޯބި 0
މަޖާ މަޖާ 0