ތާރައިން މާލޭގެ ޓްރެފިކަށް ލިބޭނެ ހައްލެއް ނެތް، ކައުސިލުން ގެންނަ އައު ނިޒާމަށް ޖާގަދެއްވާ: ނަޝީދު
މާލޭގެ މަގުތަކުގައި އަލުން ތާރު އެޅުމަކީ މާލެއަށް ދިމާވެފައިވާ ޓްރެފިކް މައްސަލައަށް އޮތް ދާއިމީ ހައްލެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ މާލޭގެ މަގުތަކުގައި އަލުން ތާރު އެޅުމުން، މާލޭގެ މުޅި މައްސަލައަށް ލިބޭނެ ހައްލެއް ނެތް ކަމަށެވެ. "މާލޭގައި ހިނގާބިނގާވެ އުޅެން އެންމެ ބޮޑަށް ދަތީ މާލޭގެ އެތެރޭ ހަނި މަގުތަކުގައި،" ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށްޓަކައި މާލެ ސިޓީ ކައުސިލުން އެކުލަވާލާފައިވާ އައު ނިޒާމުގެ ޕްލޭނަށް ސަރުކާރުން ފުރުސަތު ދޭންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ މާލެ ސިޓީ ކައުސިލްގައި މާލޭގެ ޓްރެފިކްގެ އައު ނިޒާމެއްގެ ޕްލޭން އެބައޮތް ކަމަށާއި، ސިޓީ ކައުސިލުން އެކަން ކުރުމަށް ސަރުކާރުން ޖާގަ ދޭންޖެހޭ ކަމަށެވެ.
Loading tweet content... View original tweet
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި، ހެންވޭރު ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އެމްޓީސީސީން ކުރިއަށްގެންދިޔަ މަޝްރޫއު ނިންމައި އިއްޔެ މަގު ހުޅުވާލާފައިވާ ދަނޑިވަޅެއްގައެވެ. މި މަޝްރޫއު ނިމުމާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ސަރުކާރުގެ މި މަސައްކަތް ވަރަށް ބޮޑަށް އިޝްތިހާރު ކުރަމުންނެވެ.
މާލޭގެ ތޮއްޖެހުމާއި ޓްރެފިކް މައްސަލައަކީ ބޮޑުވެފައިވާ މައްސަލައަކަށް ވާއިރު، މިކަމަށް އޮތް ހައްލަކީ ހަމައެކަނި މަގުތަކުގައި ތާރު އެޅުން ނޫން ކަމަށާއި، މުޅި ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.






ރިއެކްޓް