ޚަބަރު

ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މައްސަލަ: ރައީސް އެންގެވިގޮތަށް ފުލުހުން އަމަލެއް ނުކުރި

26 ޖުލައި 2026 - 08:40
ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މައްސަލަ: ރައީސް އެންގެވިގޮތަށް ފުލުހުން އަމަލެއް ނުކުރި

ސިނަމާލެ ބްރިޖުގައި އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ސައިކަލް ދުއްވި މައްސަލައެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންގެވި ގޮތަށް ފުލުހުން އަމަލުކޮށްފައި ނުވާކަން ހާމަވެއްޖެއެވެ. 

ބްރިޖު މަތީގައި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާ ވީޑިއޯއެއް އާންމުވުމާ ގުޅިގެން ފުލުހުން ވަނީ އެ ސައިކަލްތައް 30 ދުވަހުގެ މުއްދަތަށް ޓޯކޮށްފައެވެ.

މި މައްސަލާގައި ހިމެނޭ ތިން މީހުންނާ މެދު ހަރުކަށި ފިޔަވަޅު ނާޅާތީ އާންމުންގެ ފާޑުކިޔުން އަމާޒުވުމުން، ފުލުހުން ރޭ ބުނީ އޭގެ ތެރެއިން ދެ މީހަކު 2,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ތިންވަނަ މީހާ 4,000 ރުފިޔާއިން ޖޫރިމަނާކުރީ ތަކުރާރުކޮށް ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، ރައީސް މީގެ ކުރިން އަންގަވާފައިވާ ގޮތަށް އެ މީހުންގެ ލައިސަންސް ހިފަހައްޓާފައެއް ނުވެއެވެ.

މިދިޔަ 2024 ވަނައަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ރައީސް މުއިއްޒު ކުރެއްވި އެކްސް ޕޯސްޓެއްގައި ވަނީ، ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވައި، އުޅަނދު ދުއްވާ ފަރާތުގެ ލައިސެންސާއި އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ސާފުކޮށް އަންގަވާފައެވެ. އެހެންނަމަވެސް މި މައްސަލާގައި ފުލުހުން އަމަލުކޮށްފައިވަނީ ހަމައެކަނި އުޅަނދު ޓޯކުރުމާއި ޖޫރިމަނާ ކުރުމުގެ ފިޔަވަޅާއެކުގައެވެ.

މަގުމަތީގެ އަމާންކަން ގާއިމުކުރުމަށް ރައީސް އަންގަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  •  ބާރުސްޕީޑުގައި ދުއްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގާނޫނާއި ގަވާއިދުތައް އިސްލާޙް ކުރުން.
  •  ރޭސިންގ އަދި ޑްރިފްޓިންގ އަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުން ކުރުމަށް 19 އޮކްޓޯބަރ 2023 ގައި އެޗްޑީސީން ދީފައިވާ ހުއްދަ ވަގުތުން ބާތިލް ކުރުން. 
  •  ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވައި، އުޅަނދު ދުއްވާ ފަރާތުގެ ލައިސެންސާއި، އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން
  •  ވަކި ސީސީ (ހޯސްޕަވަރ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭގޮތަށް ޤާނޫނާއި ޤަވާއިދުތައް އިސްލާހުކުރުން.
  •  އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށްއެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ޤާނޫނާއި ޤަވާއިދުތައް އިސްލާހުކުރުން.
  •  ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުން. އެގޮތުން ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަޙައްދެއްގައި ސްޕީޑް ބްރޭކަރ ހަރުކުރުމާއި، ސްޕީޑް ޑިޓެކްޓިންގ ކެމެރާ ހަރުކުރުން.
  •  ގްރެޖުއޭޓިންގ ލައިސަންސް ސިސްޓަމެއް ތަޢާރަފްކުރުމާއި ޤަވާއިދާ ޚިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސް އިން ޕޮއިންޓް ކަނޑަން ފެށުން.
  •  މަގުމަތީގެ ޤާނޫނުތަކާއި ޤަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުން.

މަގުމަތީގެ ގާނޫނުތައް ތަންފީޒުކުރުމުގައި ފުލުހުންގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާކުރުމަށް ރައީސް އިރުޝާދު ދެއްވާފައިވީ ނަމަވެސް، މިފަދަ ނުރައްކާތެރި އަމަލުތަކަށް ފިޔަވަޅު އެޅުން ލަސްވުމާއި، އެންގެވި ގޮތަށް ލައިސަންސް ހިފަހައްޓާފައި ނުވުމުން އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 1
މަޖާ މަޖާ 0