ފްލެޓު އަތުލި މައްސަލައިގެ ޝަރީއަތް މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި
މި މައްސަލައަކީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރާ އުދަރެސް 11 ވަނަ ޓަވަރުން ތިން ކޮޓަރީގެ އެޕާޓުމަންޓެއް ލިބުނު ފަރާތަކުން ހުށަހެޅި މައްސަލައެކެވެ. އޭނާ ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ފްލެޓަށް ޝަރުތު ހަމަވެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނިކޮށް، ސަރުކާރު ބަދަލުވުމަށްފަހު ފްލެޓު ލިސްޓު މުރާޖައާކޮށް، 9 ޖުލައި 2025 ގައި އޭނާއަށް ފްލެޓު ނުލިބޭނެ ކަމަށް ލިޔުމުން އަންގާފައިވާ ކަމަށެވެ.
ދައުވާކުރާ ފަރާތުން އެދިފައިވަނީ ކުރިން ވެފައިވާ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށް ކަނޑައަޅައި، އެ ފްލެޓަކީ އޭނާގެ ތަނެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށެވެ. އަދި ފްލެޓު ހަވާލުކުރުމަށް އެފްޑީސީގެ މައްޗަށް އަމުރުކޮށްދިނުމަށާއި، އެއްބަސްވުން ބާތިލުކުރެވޭނީ ހަމައެކަނި ޝަރުއީ ކޯޓަކަށް ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެދިފައިވެއެވެ.
ހައުސިން މިނިސްޓްރީން ސިވިލް ކޯޓުގައި ބުނެފައިވަނީ އެ ފަރާތަށް ފްލެޓު ނުދޭން ނިންމީ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓު ލިބިފައިވާތީ ކަމަށެވެ. އަދި މި މައްސަލައަކީ ޖުޑީޝިއަލް ރިވިއުގެ ދައުވާއެއްގެ ގޮތުގައި ހުށަހަޅަންޖެހޭ މައްސަލައެއް ކަމަށް ބުނެ ދައުލަތުން އިއުތިރާޒު ކުރި ނަމަވެސް، ސިވިލް ކޯޓުން ނިންމީ އެ މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ހައިކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ "މި ކޯޓުން ގޮތެއް ކަނޑައަޅަންދެން ނުވަތަ މި ނޫން ގޮތަކަށް މި ކޯޓުން ނިންމަންދެން، ސިވިލް ކޯޓުގެ ގަޒިއްޔާއާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ނުގެންދިއުމަށް އަމުރުކޮށްފީމެވެ." މިގޮތަށް ނިންމީ ސިވިލް ކޯޓުގައި ޝަރީއަތް ކުރިއަށް ގެންގޮސްފިނަމަ، ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މަގުސަދު ގެއްލިދާނެތީ ކަމަށް ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމެވި ނިންމުމުގައިވެއެވެ.
ކުރީ ސަރުކާރުން 4,000 ފްލެޓު ދިނުމަށް އެކުލަވާލި ލިސްޓު މި ސަރުކާރުން މުރާޖައާކުރަން ފެށުމާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާ ވަނީ އުފެދިފައެވެ. ހައުސިން މިނިސްޓްރީން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ދޮގު މައުލޫމާތު ދިނުމާއި ޝަރުތު ހަމަނުވުމުގެ ސަބަބުން މިހާތަނަށް 450 އެއްހާ މީހުންގެ ހުށަހެޅުން ވަނީ ބާތިލުކޮށްފައެވެ. އަދި ޖުމލަ 700 އެއްހާ މީހުން ލިސްޓުން އުނިވާނެ ކަމަށް އެ މިނިސްޓްރީން ލަފާކުރެއެވެ.






ރިއެކްޓް