ޚަބަރު

ކުޅުދުއްފުށި ސިޓީގައި ޕިކް ޕޯސްޓްގެ ހިދުމަތް ފަށައިފި

26 ޖުލައި 2026 - 18:02
ކުޅުދުއްފުށި ސިޓީގައި ޕިކް ޕޯސްޓްގެ ހިދުމަތް ފަށައިފި
ފޮޓޯ : ޕޯސްޓް އޮފީސް

ކުޅުދުއްފުށީ ސިޓީގައި މޯލްޑިވްސް ޕޯސްޓުގެ ޚިދުމަތްތައް އައު އިމާރާތަކަށް ބަދަލުކޮށް، ޒަމާނީ "ޕިކްޕޯސްޓް" ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި ބަދަލާ އެކު ކުޅުދުއްފުށީގައި ޕޯސްޓުގެ ޚިދުމަތްތައް ދެމުންދާނީ އެ ސިޓީގެ ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާއިންނެވެ. 

މޯލްޑިވްސް ޕޯސްޓުން ކުޅުދުއްފުށީގައި އަލަށް ތައާރަފުކުރި ޕިކްޕޯސްޓް ޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ޕާރުސަލް ނެގުމަށް ކިއުގައި މަޑުކުރާކަށް ނުޖެހޭނެއެވެ. ޕޯސްޓް އޮފީހުން ބުނި ގޮތުގައި، ޕާރުސަލް ލިބޭކަން އެންގުމަށް ފޮނުވާ މެސެޖުގައި ހިމެނޭ ވަގުތުގެ ތެރޭގައި، ޚިދުމަތް ހޯދާ ފަރާތަށް ފަސޭހަ ކޮންމެ ވަގުތެއްގައި ވެސް އައިސް ޕާރުސަލް ބަލައިގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.

އައު އިމާރާތަށް ޚިދުމަތްތައް ބަދަލުވި ނަމަވެސް، ރާއްޖޭގެ އެހެން ރަށްތަކަށާއި ސިޓީތަކަށް ޕާރުސަލް ފޮނުވުމުގެ ޚިދުމަތާއި ރާއްޖެއިން ބޭރަށް ޕޯސްޓް ކުރުމުގެ ޚިދުމަތް ކުރިއެކޭ އެއްގޮތަށް މެދުކެނޑުމެއް ނެތި ލިބޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، ދިވެހި އުފެއްދުންތެރިންނަށް ޚާއްޞަކޮށްގެން ހިންގާ "ރަށު އޮންލައިން ފިހާރަ" ނުވަތަ ކޮމިއުނިޓީ އޮންލައިން ޝޮޕް މެދުވެރިކޮށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކަސްޓަމަރުންނަށް ތަކެތި ރައްދުކޮށްދިނުމުގެ ޚިދުމަތް ވެސް މި އޮފީސް މެދުވެރިކޮށް ލިބޭނެއެވެ. އަދި "އީޓުކުރި" ލޯކަލް ޕްލެޓްފޯމް މެދުވެރިކޮށް ވިޔަފާރިކުރުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

މޯލްޑިވްސް ޕޯސްޓުން ހާމަކުރި ގޮތުގައި، މި ބަދަލަކީ ޕޯސްޓުގެ ޚިދުމަތްތައް ޒަމާނީކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. މި އައު އިންތިޒާމުތަކާ އެކު ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނަށް ޕޯސްޓުގެ ޚިދުމަތް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0